މިހާރު ކުރަމުންދާ ވިއްސާރައިގަ އދ. ދިގުރަށަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ވަނީ އުދަ އަރަނިކޮށް ނަގާފައިވާ ވީޑިއޯތައް އާންމު ކޮށްފައި އެވެ. އޭގެން ބަނދަރުން އެރި ރާޅުތައް ރަށުގެ އެކި ސަރަހައްދަށް ހުރަހެއް ނެތި ދާތަން ފެނެ އެވެ.
އެ ރަށު ކައުންސިލްގެ ނައިބް ރައީސް އިބްރާހީމް އަބްދުއްރަހީމް ވިދާޅުވި ދަން ވަރު އުދަ އަރަށްފެށީ ގޮތަށް އުދަ އެރުން ހުއްޓުނީ ފަތިހު ކަމަށެވެ. އުދައިގެ އަސަރު ރަށުގެ ހުރިހާ ގެއަކަށްހެން ކޮށްފައިވާއިރު ފިހާރަތަކަށްވެސް ފެން ވަދެފައިވެ އެވެ. އަދި ބަނދަރުގައި އަޅާފައި އޮތް އޮޑިދޯނި ފަހަރަށްވެސް ބޮޑެތި ގެއްލުންތަކެއްވި ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
ދިގުރަށަކީ ޓޫރިޒަމްގައި މަޝްހޫރު ރަށެކެވެ. އުދައިގަ ގެސްޓު ހައުސްތަކަށްވެސް ފެން ވަދެފައިވެ އެވެ.
ރޭ އެރަށަށް އެރި ރާޅުތަކުގެ އުސް މިނުގައި 13-15 ފޫޓު ހުރިކަމަށްވެ އެވެ. އެ އުސްމިނުގައި ރާޅު އެރީ ރަށުގެ އިރުމަތީ ފަރާތުންނެވެ.
މި ހާދިސާގައި ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް ވަނީ ފަށާފައި އެވެ. ރަށު ކައުންސިލުން ވަނީ އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައި އެވެ.
އިއްޔެއިން ފެށިގެން ހުޅުނގު މޫސުމުގެ ބާރު ގަދަވެ ކުރިޔަށް އޮތް ހަތަރު ދުވަހު މޫސުން ގޯސްވާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ކަނޑާއި ވައި ގަދަވެ އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ބުނެފައިވެ އެވެ.
ސަލާމަތީ ބާރުތަކާއި މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް