ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި މޫސުމަށް ސަމާލުވުމަށް ޕޮލިހުން އިލްތިމާސްކޮށްފިއެވެ.
އެގޮތުން ދަތުރަކަށް ފެށުމުގެ ކުރިން، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އަދި އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯ ބަލައި އެ ތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
"އޭގެ އިތުރުން، މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު އެއްގަމު އުޅަނދު ދުއްވުމުގައާއި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައިވެސް ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިލްތިމާސްކުރަމެވެ.އެގޮތުން، އަތޮޅު ތެރެއާއި، މާލެ އަދި ހުޅުމާލޭގެ މަގުތަކާއި ބުރިޖު ބޭނުންކުރުމުގައިވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއެކު އުޅަނދު ކަހާލުން ފަދަ ހާދިސާއެއް ދިމާނުވާނޭހެން އިތުރު ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވަމެވެ. އަދި މުދާ އުފުލުމުގައިވެސް ހިނގާފާނެ ހާދިސާއަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރަމެވެ." ފުލުހުންގެ އިލްތިމާސްގައި ބުނެފައިވެއެވެ.
އަދި ހަމަ އެހެންމެ އިމާރާތްތަކުގެ ޓެރަސް ނުވަތަ ބެލްކަނީގައި ބަހައްޓާފައި ހުންނަ ގަސް މުށި އަދި އެހެނިހެން ތަކެތިވެސް ވަޔާ ބިންމައްޗަށް ނުވެއްޓޭނޭހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށް އިލްތިމާސްކުރާކަމަށާއި އަދި ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތްކުރުމުގައިވެސް މަގުމައްޗަށް އެއްވެސް އެއްޗެއް ނުވެއްޓޭނޭހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް