މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކުގެ ދީނީ ދަރުހާއި ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ދޮލޯކީ ޑި ސިލްވާ ބައިވެރިވާ ބޮޑު މިއުޒިކް ޝޯ އޮންނަ ރޭ ދިމާވާތީ ދެކޮޅަށް ހިޔާލުފާޅު ކުރަމުން އެބަދެ އެވެ.
މިދަރުހާއި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ އެވެ. މީގެ ތެރެއިން މާލޭގައި އޮންނާނީ މުފްތީގެ ދަރުހެވެ. ޔޮހާނީ ބައިވެރިވާ ޝޯ އޮންނާނީ ހުޅުމާލޭ ޓްރެކް ދަނޑުގައި އެވެ.
މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި މީހުން ފާޅު ކުރަމުންދަނީ ތަފާތު ހިޔާލުތަކެވެ. ބައެއް މީހުން ބުނީ ބޭނުން ތަނަކަށް ދިއުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ. ޔޮހާނީގެ ޝޯއަށް ދާން ބޭނުންވާ މީހުން އެތަނަށް ގޮސް، ދަރުހަށް ދާން ބޭނުންވާ މީހުން ދަރުސް އަޑުއަހަން ދާނީ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
އެހެން މީހަކު ބުނީ އެރެއިން ރާއްޖޭގައި ތާއީދު އޮތީ ކޮން ކަމަކަށްކަން އެނގިގެން ދާނެ ކަމަށެވެ. އެމީހާ ގަބޫލު ކުރާ ގޮތުގައި އެރޭ ރާއްޖޭގައި ލާދީނިއްޔަތަށް ތާއީދު ނެތްކަން އެނގިގެން ދާނެ އެވެ.
ދެކޮޅު ހިޔާލު ފާޅު ކުރާ މީހުން ބުނަމުންދަނީ މިއީ ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ. މި ދެކަން އެއް ރެއެއްގައި ބާއްވައި މިއުޒިކަށް ތާއީދު ކުރާ މީހުން ވާނީ އެމީހުންނަށްވާ ހުރިހާ އެންމެންނަށް އެތަނަށް ދާން އަންގައި ޓިކެޓު ގަނެދީފައި ކަމަށާއި ބޭނުމަކީ ދިވެހިން ބޮޑަށް ބޭނުންވަނީ ދީނަށް ވުރެ މުނިފޫހިފުލުވަންކަން ދެއްކުން ކަމަށް ބުނެފައިވެ އެވެ.
ބައެއް މީހުން ވަނީ ޔޮހާނީގެ ޝޯ ހުއްޓުވަން ޖެހޭ ކަމަށް ބުނެފައި އެވެ.
ޔޮހާނީ ރާއްޖެ ގެންނަނީ ބައިސްކޯފުންނެވެ. އެކަން އެމީހުން ހާމަ ކުރީ މީގެ ދެ ދުވަސް ކުރިންނެވެ. އެކަމަކު މުފްތީ ރާއްޖެ ވަޑައިގެންނަވާކަން އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު ވަނީ އިއުލާނު ކޮށްފަ އެވެ.
އަދި ދަރުސްތަކުގެ ތާވަލުވެސް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހާމަކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް