ޗެމްޕިއަންސް ލީގު: ސަލާހުގެ އަވަސް ހެޓްރިކާއި އެކު ރޭންޖާސް ބަލިކޮށް ލިވަޕޫލް ދެވަނަ ބުރާއި ގާތަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްކޮޓްލަންޑުގެ ރޭންޖާސް ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، ދެވެނަ ބުރުގެ އުންމީދު ލިވަޕޫލުން އަުކޮށްފިއެވެ. ރޭންޖާސްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކުރީ...

13 Oct 2022 | 05:50

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްކޮޓްލަންޑުގެ ރޭންޖާސް ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، ދެވެނަ ބުރުގެ އުންމީދު ލިވަޕޫލުން އަުކޮށްފިއެވެ.

ރޭންޖާސްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 7-1 ގެ ނަތީޖާއިންނެވެ.

ސަލާހު ބެންޗުގައި ބަހައްޓައިގެން ލިވަޕޫލުން ރޭންޖާސް އާއި ދެކޮޅަށް ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރޭންޖާސް އިންނެވެ. އެޓީމުން ލީޑު ނެގީ މެޗުގެ 17 ވަނަ މިނެޓުގައި އާފީލްޑް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ރޭންޖަސް އަށް މި ލީޑުގައި ދެމި އޮވެވުނީ ކުޑަކުޑަ ވަގުތުކޮޅަކަށެވެ. ރަނގަޅު ކުޅުމެއް ކުޅެމުން ދިޔަ ލިވަޕޫލުން މެޗުގެ 24 ވަނަ މިނެޓުގައި ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. އެޓީމަށް މި ލަނޑު ޖަހައިދިނީ ރޮބާޓް ފިރްމީނޯއެވެ.

އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެ ވަނަ ހާފު ފަށައިގެން މެޗުގެ 55 ވަނަ މިނެޓުގައި ފިރްމޯނޯ ވަނީ އިތުރު ލަނޑެއް ޖަހައި ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު 66 ވަނަ މިނެޓުގައި ޖެހީ ޑާވިން ނޫނޭޒްއެވެ. މި ލަނޑަށް ފަހު ނޫނޭޒް ބަދަލުކޮށް މި މެޗުގައި ސަލާހު ކުޅެން އެރުވީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ޞަލާޙު ވަނީ ކުޅެން ނުކުމެ ފުލުފުލު ތިން ލަނޑު ޖަހާ ހަ މިނެޓާއި 12 ސިކުންތު ތެރޭގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް އެންމެ އަވަހަށް ހެދި ހެޓްރިކްއެވެ. މީގެކުރިން އެންމެ އަވަހަށް ހެޓްރިކް ހެދުމުގެ ރެކޯޑް އޮތީ ފްރާންސްގެ ބަފެންޓިމްބީ ގޯމިސް އަތުގައެވެ. 2011 ވަނަ އަހަރު ފްރާންސްގެ ލިޔޯން އަށް ކުޅެ ބަފެންޓިމްބީ ގޯމިސް ހެޓްރިކް ފުރިހަމަ ކުރީ އަށް މިނެޓުންނެވެ.

ސަލާހު ކުޅެން އަރާ މި މެޗުގައި ލަނޑުތައް ޖެހީ، ފުރަތަމަ ލަނޑު 76 ވަނަ މިނެޓުގައި، ދެވަނަ ލަނޑު 80 ވަނަ މިނެޓުގައި އަދި ތިންވަނަ ލަނޑު 81 ވަނަ މިނެޓުގައެވެ. ލިވަޕޫލްގެ ހަތްވަނަ ލަނޑު ޖަހައިދިނީ 87 ވަނަ މިނެޓުގައި އެލިއޮޓްއެވެ.

ރޭގައި ހޯދި މި މޮޅާއި އެކު ލިވަޕޫލް އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއި އެކު ގްރޫޕްގެ ދެ ވަނައިގައެވެ. ތިން ވަނައިގައި އޮތް އަޔެކްސް އަށް ލިބެނީ ހަތަރު މެޗުން ތިން ޕޮއިންޓެވެ. އެއްވަނާގައި އޮތީ 12 ޕޮއިންޓާއި އެކު ނަޕޮލީއެވެ. ނަޕޮލީއަށް މިހާރު ވަނީ ދެވަނަބުރުގެ ޖާގައެއް ކަށަވަރުވެފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް