ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނެދަލެންޑްސްގެ އަޔެކްސް ބަލިކޮށް، ނަޕޯލީން ދެ ވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނަޕޮލީން ކާމިޔާބު ކުރީ 2-4 ގެ ނަތީޖާއިންނެވެ.
ނަޕޮލީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެޓީމުން ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ހަތަރުވަނަ މިނެޓުގައެވެ. ހާވިން ލޮޒާނޯގެ ލަނޑުން ނަޕޮލީ ލީޑު ނެގިއިރު، އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 16 ވަނަ މިނެޓުގައި ޖިއަކޯމޯ ރަސްޕަޑޯރީ ޖަހައިދިން ލަނޑުންނެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ނަޕޮލިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއެވެ. އަޔެކްސް އިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ފަރަގު ކުޑަކުރީ ފަހު ހާފު ފެށިގެން 49 ވަނަ މިނެޓުގައެވެ. މި ލަނޑު އަޔެކްސް އަށް ޖަހައިދިނީ ޑޭވީ ކްލާސެންއެވެ.
ނަމަވެސް އޭގެ ފަހުން 62 ވަނަ މިނެޓުގައި ނަޕޯލީއަށް ލިބުނު ޕެނަލްޓީއެއްގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ޕެނަލްޓީގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ކްވިޗާ ކްރަވަޝްކާލިއާއެވެ. މެޗުގެ 83 ވަނަ މިނެޓުގައި އަޔެކްސް އަށް ވެސް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ސްޓީވެން ބާގްވެއިންއެވެ. ނަޕޯލީގެ ހަތަރު ވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ޖަހައިދިނީ ވިކްޓަ އޮސީމެއިންއެވެ.
މި މޮޅާއެކު ނަޕޯލީން ދެ ވަނަ ބުރުން ޖާގައެއް ކަށަވަރު ކުރީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއި އެކުގައެވެ. މި ގްރޫޕްގެ ދެ ވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓު ހޯދައިގެން ލިވަޕޫލްއެވެ. ތިން ވަނައިގައި އަޔެކްސް އޮތީ ތިން ޕޮއިންޓާއި އެކުގައެވެ. ގުރޫޕުގެ ފުލުގައި އޮތް ރޭންޖާސް އަށް ޕޮއިންޓެއް ނުލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް