ޗެމްޕިއަންސް ލީގު: އިންޓަ މިލާނާ އެއްވަރުވެ ބާސެލޯނާ ހާސްކަމުގެތެރެއަށް !

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ދެ ވަނަ ލެގުގައި ރޭ އިޓަލީގެ އިންޓަ މިލާން އާއި ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ މެޗުން އެއްވަރުވެ ބާސެލޯނާ އަށް ހާސްކަމާއި ކުރިމަތި ލާން ޖެހިއްޖެއެވެ. މި ދެޓީމު ...

13 Oct 2022 | 04:54

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ދެ ވަނަ ލެގުގައި ރޭ އިޓަލީގެ އިންޓަ މިލާން އާއި ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ މެޗުން އެއްވަރުވެ ބާސެލޯނާ އަށް ހާސްކަމާއި ކުރިމަތި ލާން ޖެހިއްޖެއެވެ.

މި ދެޓީމު އިންޓަ މިލާނުގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުން 0-1 ގެ ނަތީޖާއިން ބާސާ ބަލިވެފައިވާއިރު، ރޭ އަމިއްލަ ދަނޑުގައި އިންޓަ މިލާނާއި ދެކޮޅަށް ބާސާ ކުޅުނު މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއިންނެވެ.

މި ނަތީޖާއާއި އެކު ބާސާއަށް ހާސްކަން ވެރިވިއިރު، ގުރޫޕުގައި އެޓީމަށް ބާކީ އޮތް ދެމެޗު ކާމިޔާބު ކުރި ނަމަވެސް އެޓީމަށް ދެވަނަ ބުރުގެ ފުރުސަތުގެ އުންމީދު އޮތީ އިންޓަ ކުޅެން ޖެހޭ ދެމެޗުންވެސް އެޓީމު ބަލިވެގެންނެވެ. އިންޓައިން ކުޅެން ޖެހޭ ދެމެޗުގެ ތެރެއިން އެންމެ މެޗަކުން އެޓީމު މޮޅުވި ނަމަވެސް ބާސާއަށް ދެވަނަ ބުރުގެ ފުރުސަތު ގެއްލޭނެއެވެ. އޭރުން ދެވަނަ ބުރުގެ ފުރުސަތު ލިބިގެން ދާނީ ބަޔާންއާއި އިންޓަ އަށެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބާސާއިންނެވެ. އެގޮތުން ރަނގަޅު ހަމާލަތަކެއް ވެސް އެޓީމުން އުފެއްދި އެވެެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ބާސާއިން ލަނޑު ޖަހާ ލީޑުނެގިއެވެ. ސާޖީ ރޮބާޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ އޮސްމާން ޑެމްބެލޭ އެވެ.

ބާސާއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އިންޓައިން ވަނީ ލަނޑު ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. އިންޓައަށް މި ލަނޑު ޖަހައިދިނީ ބަރެއްލާއެވެ.  އޭގެ ފަހުން މެޗުގެ 63 ވަނަ މިނެޓުގައި އިންޓަގެ ދެވަނަ ލަނޑު ޖަހާ ލީޑު ނެގިއެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ލައުޓާރޯ މާޓީނޭޒްއެވެ.

ބާސާއިން މ،ެޗުގެ ނަތީޖާ އެއްވަރުކުރީ 82 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނަމަވެސް އޭގެ ހަތްވަރަކަށް މިނެޓު ފަހުން މެޗުގެ 89 ވަނަ މިނެޓުގައި އިންޓައިން އެޓީމުގެ ތިންވަނަ ލަނޑު ޖަހާ ލީޑުނެގިއެވެ. ގޮސެންސް އިޓަގެ ތިންވަނަ ލަނޑު ޖަހާ ދެވަނަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރޭގައި ލެވަންޑޯސްކީ ވަނީ ލަނޑު ޖަހައި ބާސެލޯނާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ނަތީޖާއާއި އެކު ބާސާ އޮތީ ކުޅުނު ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނަ މަގާމުގައެވެ. ހަތަރު މެޗުން ހަތް ޕޮއިންޓު ހޯދައިގެން އިންޓަ ދެ ވަނާގައި އޮތްއިރު، އެއްވަނާގައި އޮތީ ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް