މާލޭ ގެއަކުން ދުން އަރާތީ ފުލުހުންނާއި އެމްއެންޑީއެފުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، ބަނގުރާ ކައްކާ ސާމާނު ހޯދައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާކަމަށް ހެނދުނު 06:12 ހާއިރު ފުލުހުންނަށް ރިޕޯޓެއް ލިބުނު ކަމަށެވެ.
"އެމްއެންޑީއެފާއި ފުލުހުން އެ ގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށްގެން އެ ގެއަށް ވަދެފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ގޭތެރެއިން ދުން އަރަމުންދިޔައީ ބަނގުރާ ކައްކަމުންދާތީކަން އެނގުނު ކަމަށާއި އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނުތަކެއް އެ ގޭތެރެއިން ފެނުނު ކަމަށްވެސް ބުނެފައިވެއެވެ.
މި އޮޕަރޭޝަނުގައި އަދި މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ އެ ސަރަހައްދުގައި އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް