ކުދިން އަމިއްލައަށް ގޮތް ނިންމަން ދަސްކޮށްދިނުމަށް އެހީތެރިވުމަށް ބެލެނިވެރިންނަށް މެޑަމް ފަޒުނާ ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މޮމްސް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ސުޕަރ ކިޑްސް ޗެލެންޖް" އިފްތިތާޙްކޮށްދެއްވައިފި އެވެ. މި ޙަފްލާ ކުރިއަށްގެންގޮސްފައިވަނީ...

13 Oct 2021 | 18:47

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މޮމްސް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ސުޕަރ ކިޑްސް ޗެލެންޖް" އިފްތިތާޙްކޮށްދެއްވައިފި އެވެ.

މި ޙަފްލާ ކުރިއަށްގެންގޮސްފައިވަނީ މިއަދު މެންދުރުފަހު މާގިރި ހޮޓަލުގައެވެ.

"ސުޕަރ ކިޑްސް ޗެލެންޖް" އަކީ ކުޑަކުދިން އެކުދިންގެ މައިންބަފައިން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކާއެކު އުނގެނުމަށާއި، މަޖާ ވަގުތުކޮޅެއް ހޭދަކުރުމަށް އަމާޒުކޮށްގެން ރާވާފައިވާ ސިލްސިލާ ހަރަކާތްތަކެކެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މޮމްސް ޖަމްޢިއްޔާއިން ހާޞިލުކުރުމަށް ކަނޑައަޅާފައިވާ މަޤްސަދުތަކުގެ ތެރޭގައި، ޤައުމީ ފެންވަރެއްގައި އެންމެ ބޮޑަށް މަސައްކަތްކުރަމުންދާ 3 ކަމެއްކަމުގައިވާ އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރުން އަދި ކުޑަކުދިންނަށް ކުރާ އަނިޔާއާއި އަންހެނުނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް އަޑު އުފުލުން ހިމެނޭކަން އުފަލާއެކު ފާހަގަކުރައްވާފަ އެވެ.

އެކަމަނާ ވަނީ އަންހެނުން ބާރުވެރިކުރުވައި އަންހެނުންގެ ދިރިއުޅުން ފަސޭހަކުރުމަށް މޮމްސް ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، އެކަމަނާ ވަނީ ކޮވިޑް-19ގެ ފުރަބަންދުގެ ޙާލަތުގައި ކުޑަކުދިން ފޫހިވިޔަނުދީ ތިބުމަށްޓަކައި ނިމިދިޔަ ރަމަޟާން މަހު ސުޕަރ ކިޑްސް ޗެލެންޖްގެ ފުރަތަމަ ޕްރޮޤްރާމް ކުރިއަށްގެންގޮސްފައިވާތީ އެކަމަށްޓަކައި ތަޢުރީފުކުރައްވާފަ އެވެ. އަދި އެކަމަނާ ވަނީ އޯގާތެރިކަމާއި، ލޯބިވުމާއި، އެހެން މީހުންގެ އިހްސާތަކަށް އިހްތިރާމްކުރުމަކީ ކުޑަކުދިންގެ ގައިގައި ހުރުން މުހިންމު ސިފަތަކެއްކަމުގައި ފާހަގަކުރައްވައި މިފަހަރުގެ ޕްރޮޤްރާމުގައި އޯގާތެރިކަމުގެ ސިފަ އަށަގެންނެވުމަށް ހަރަކާތްތަކެއް ހިމަނާފައިވާތީ އެކަމަށްޓަކައި އުފާވާކުރައްވާ ކަމަށް ފާހަގަކުރައްވާފަ އެވެ.

އެކަމަނާ ވަނީ މި ޕްރޮޤްރާމުގައި ހިމެނޭ ކަންކަން ފުރިހަމަކުރުމަށް ކުދިންނަށް ބޮޑަށް ފުރުޞަތުދީގެން ބެލެނިވެރިން އެހީތެރިންގެ ދައުރުއަދާކުރުމަށް ބާރުއަޅުއްވާފަ އެވެ. އަދި ކުދިން ކުރުމަށްޓަކައި ހަވާލުކުރާ މަސައްކަތްތަކާއި، ހުސްވަގުތު ދިނުމުގައި ބެލެންސްކުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

އެކަމަނާ ވަނީ މިކަމުގެ ސަބަބުން ކުދިންގެ ހުސްވަގުތުގައި އެކުދިންނަށް އެދުވަހު ހިނގިކަންކަމާމެދު ވިސްނާލުމަށް ފުރުޞަތު ލިބި، އެކުދިންގެ މުޞްތަޤްބަލާމެދު ވިސްނުމަށް މަގުފަހިވެގެންދާނެކަމުގައި ވިދާޅުވެފަ އެވެ.

ހަމަ އެއާއެކު އެކަމަނާ މުދައްރިސްކަން ކުރެއްވި ދުވަސްވަރުގެ ކަންކަމާއި، މަންމައެއްގެ ދައުރު އަދާކުރައްވާ ފަރާތެއްގެ ހައިސިއްޔަތުން އެކަމަނާ ވަނީ މި ޙަފްލާގައި ބައެއްކަންކަން ޙިއްޞާކުރައްވާފަ އެވެ.

އެގޮތުން އެކަމަނާ ވަނީ ކުދިން އަމިއްލައަށް ގޮތް ނިންމަން ދަސްކޮށްދިނުމަށް އެހީތެރިވުމަށް ބެލެނިވެރިންނަށް ނަސޭހަތްތެރިވެލައްވާފަ އެވެ. އަދި މިކަން ހާސިލުވާނީ ކުދިންނަށް އެކުދިން ކުރުން މުހިންމު ކަންކަން ދެނެގަތުމަށް ފުރުޞަތު ފަހިކޮށްދީގެން ކަމަށާއި، އެކުދިންގެ ހުސްވަގުތުތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ފުރުޞަތުފަހިކޮށްދީގެންކަމުގައި އެކަމަނާ ވިދާޅުވި އެވެ.

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބެލެނިވެރިން ކުދިންނާއިއެކު ކޮލެޓީ ވަގުތު ހޭދަކުރުމަށް ބާރުއަޅުއްވާފަ އެވެ. އެގޮތުން އެކަމަނާ ވަނީ ކުދިންގެ ހުސްވަގުތުތައް ފުރާނެ ގޮތްތައް ރޭވުމުގައި އެކުދިންނާއި އެކު ވަގުތު ހޭދަކުރުމަކީ މިކަމަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނަބަކުންގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޮމްސް ޖަމްޢިއްޔާއަކީ 2016 ވަނަ އަހަރު އުފައްދާފައިވާ ޖަމްޢިއްޔާ އެކެވެ. މި ޖަމްޢިއްޔާއަކީ މިވަގުތު ރާއްޖޭގައި އެންމެ ގިނަ އަންހެނުންނަށާއި ކުޑަކުދިންނށް އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާ އެވެ.

މި ޖަމްޢިއްޔާގައި 100 ރަށަކުން ބައިވެރިވެގެން ޖުމްލަ 37،000 މެންބަރުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް