އިގްތިސޯދީ ފުދުންތެރިކަން ދަށްވެ އަފްގާން ރައްޔިތުންގެ ނަފްސާނީ މައްސަލަތައް އިތުރުވަނީ

ތޯލިބާނުން ވެރިކަމަށް އައުމާއެކު އިގްތިސޯދީ ފުދުންތެރިކަން ދަށްވެ އަފްގާނިސްތާނު ރައްޔިތުންގެ ތެރޭގައި ނަފްސާނީ މައްސަލަތައް އިތުރުވަމުންދާ ކަމަށް އެގައުމުގެ ބައެއް ޕްރޮވިންސްތަކުން ބުނެފި އެވެ. އެފަދ...

13 Oct 2021 | 17:25

ތޯލިބާނުން ވެރިކަމަށް އައުމާއެކު އިގްތިސޯދީ ފުދުންތެރިކަން ދަށްވެ އަފްގާނިސްތާނު ރައްޔިތުންގެ ތެރޭގައި ނަފްސާނީ މައްސަލަތައް އިތުރުވަމުންދާ ކަމަށް އެގައުމުގެ ބައެއް ޕްރޮވިންސްތަކުން ބުނެފި އެވެ.

އެފަދަ އެއް ޕްރޮވިންސަކީ ނަންގާހަރް ޕްރޮވިންސެވެ. އެ ޕްރޮވިންސްގެ ނަންގަހާރް ޒޯނަލް ހޮސްޕިޓަލްގެ ފިޒިކޮލޮޖިކަލް ޑީޕާޓްމެންޓުގެ ހެޑް ޑރ. އަހުމަދު ޒާހިރުޔަރު ވިދާޅުވީ ނަފްސާނީ މައްސަލަތައް ހުންނަ މީހުން އެ ސަރަހައްދުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ހާއްސަކޮށް އަންހެނުންގެ ހާލަތު ގޯސްވަމުންދާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަފްސާނީ މައްސަލަތައް އިތުރުވަމުން ދަނީ އާންމްދަނީ ލިބެމުން އައި މަގުތައް ބަންދުވުމާއި ވަޒީފާގެ ފުރުސަތުތައް ގެއްލުމުން ކަމަށެވެ. އަދި އަންހެނުންގެ ނަފްސާނީ މައްސަލަތައް އިތުރުވަމުން ދަނީ ތޯލިބާނުންގެ ވެރިކަމާއި އެކު މުޖުތަމައުން އަންހެނުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގެވެށި އަނިޔާގެ ސަބަބުންނެވެ.

މިހާލަތުގައި ހޭލުންތެރިކަން އިތުރު ކުރުމަށް އެ ހޮސްޕިޓަލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. ސަބަބަކީ އާދަކާދައާއި ފައިސާގެ ދަތިކަމާއި ގުޅިގެން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަން އާންމުން ފަސްޖެހެމުންދާތީ ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.

އެ ޕްރޮވިންސްގެ ބައެއް އާންމުން ބުނީ ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަން ޑޮކްޓަރުން ލަފާދިން ނަމަވެސް ހޮސްޕިޓަލްތަކުގައި ބަލީގެ ފަރުވާއަށް ދޭނެ ބޭސް ނެތް ކަމަށެވެ. އަދި އެކަން ދިމާވެފައިވަނީ ތޯލިބާނުން ވެރިކަމާއި ހަވާލުވިފަހުން ކަމަށް އާންމުން ބުނެ އެވެ.

މިފަދަ އެތައް މައްސަލައެއް އަފްގާން ރައްޔިތުން ދަނީ ތަހައްމަލް ކުރަމުންނެވެ.

ޔޫއެންޑީޕީން ލަފާ ކުރާގޮތުގައި ބޭރު ދުނިޔޭގެ އެހީ ވީހާވެސް އަވަހަށް ނުލިބިއްޖެ ނަމަ އަންނަ އަހަރުގެ މެދަށް ދާއިރު އަފްގާންގެ 97 ޕަސެންޓު މީހުން ފަގީރު ވާނެ ކަމަށެވެ. އެ ގައުމުގެ އާބާދީ އަކީ 38 މިލިއަން މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް