އެސްޓީއޯ މެދުވެރިކޮށް ގެންނަން ނިންމި އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސެއް މާލެ ގެނެސްފި އެވެ.
މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން، އެ ކުންފުންޏާ ހަވާލުކުރި އެމްބިއުލާންސްތަކެކެވެ.
އެގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށ ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އާއެކު، ހެލްތު މިނިސްޓްރީން ސޮއިކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވެފައިވަނީ އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
"މި އެމްބިއުލާންސްތައް ގެނައުމުން އަތޮޅުތެރޭގައި ޚިދުމަތް ދޭން ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްޙީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ." މިނިސްޓަރ ނަސީމް ވިދާޅުވެފައި ވެއެވެ.
އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލެންސްތައް މިނިސްޓްރީއަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް