ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމާގުޅޭގޮތުން ރައީސް ސޯލިހު، އެފް.އައި.ވީ.ބީ ގެ ވަފްދާ މަޝްވަރާ ކުރައްވައިފި

ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމާގުޅޭގޮތުން ރައީސުލްޖުންހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ވޮލީބޯލް (އެފް.އައި.ވީ.ބީ) ގެ ވަފްދާ މަޝްވަރާ ކުރައްވައިފި އެވެ. އެފްއައިވ...

13 Oct 2021 | 15:01

ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމާގުޅޭގޮތުން ރައީސުލްޖުންހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ވޮލީބޯލް (އެފް.އައި.ވީ.ބީ) ގެ ވަފްދާ މަޝްވަރާ ކުރައްވައިފި އެވެ.

އެފްއައިވީބީ ގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި ވަފްދާ ރައީސް ބައްދަލު ކުރައްވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި އެފް.އައި.ވީ.ބީ ގެ ރައީސް، ޑޮކްޓަރ އެރީ އެސް ގްރަސާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މާހައުލު އޮތްގޮތުން ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި ވަނީ ވެސް ބީޗްވޮލީފަދަ ކުޅިވަރުތަކަށް ކުރިއެރުވުމަށް އެންމެ އެކަށީގެންވާ ގޮތަށްކަން ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޒުވާން ކުޅުންތެރިން އެމީހުންގެ ހުނަރު ކުރިއަރުވައި ބައިނަލްއަޤްވާމީ ކުޅިވަރުގެ ހަރަކާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި މި ދާއިރާއިން ޤާއިމުވެފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އެނޫންވެސް ފަރާތްތަކަށް ވަޞީލަތުގެ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެހީތެރިކަން ބޭނުންވާކަން ފާހަގަކުރެއްވި އެވެ.

އެގޮތުން ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް ދާއިމީގޮތެއްގައި ކުރިޔަށްގެންދިއުމުގައި ހައި ޕަރފޯމަންސް ޓްރެއިނިންގސް ސެންޓަރެއް ރާއްޖޭގައި ޤާއިމުވެފައި ހުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖޭގައި ޚާއްޞަކޮށް ބީޗްވޮލީ ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރާއި ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، އިބްރާހީމް ހޫދު އަދި ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، މުހައްމަދު ރަނޭޝް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް