އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖުގެ ވަފުދެއް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް ފުލުހުންގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފި އެވެ.
މިބައްދަލުވުން ކުރިއަށް ގެންދިޔައީ ފުލުހުންގެ އިސްކަންދަރު ކޮށީގައި އިންޑިއާގެ ނެޝަނަލް ޑިފެންސް ކޮލެޖްގެ 24 ބައިވެރިންނާއެކު އެވެ.
މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ އަދި ކުރިއަށް ރާވާފައިވާ ކަންކަމުގެ މަޢުލޫމާތު ހިއްސާ ކޮށްފައި ވެއެވެ. މިގޮތުން ދިވެހި ފުލުހުންގެ ޙިދުމަތުން 2019 އިން 2024 އަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް ޕްލޭންގައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.
މީގެއިތުރުން މިހާރު އަމަލު ކުރަމުންދާ ފުލުހުންގެ އައު ޤާނޫނުގެ ދަށުން ގެނެސްފައިވާ ބަދަލުތައް ވެސް ހިއްސާކޮށްފައި ވެއެވެ.
ދިވެހި ފުލުހުންގެ ޙިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖްގެ ވަފުދު މިއަދު ކުރެއްވި ޒިޔާރަތަކީ ތަޖުރިބާގެ ދަތުރެއްގައި ކުރެއްވި ޒިޔާރަތެކެވެ.
މިބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުއް ރަހްމާން، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާހު، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝަހީމް އަދި ޕޮލިސް އެކަޑަމީ އާއި އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް