ނޫމަރާގެ ސިއްޙީ މަރުކަޒާއި ސުކޫލުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފި

މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލުން ރަށުގެ ސިއްޙީ މަރުކަޒާއި ސުކޫލުގެ ތަރައްޤީއަށް ބޭނުންވާ ބައެއް ކަންކަން ނައިބު ރައީސް ފައިސަލް ނަސީމް އާއި ބައްދަލުކުރައްވާ އެމަނިކުފާނުގެ ސަމާލުކަމަށް ގެ...

13 Oct 2021 | 14:25

މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލުން ރަށުގެ ސިއްޙީ މަރުކަޒާއި ސުކޫލުގެ ތަރައްޤީއަށް ބޭނުންވާ ބައެއް ކަންކަން ނައިބު ރައީސް ފައިސަލް ނަސީމް އާއި ބައްދަލުކުރައްވާ އެމަނިކުފާނުގެ ސަމާލުކަމަށް ގެނެސްފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

އެގޮތުން މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ޙިއްސާ ކުރައްވަމުން ކައުންސިލަރުން ފާހަގަ ކުރެއްވިގޮތުގައި ސިއްޙީ މަރުކަޒުގައި ލެބޯޓްރީއެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ރަށު ސްކޫލްގެ ތަރައްޤީއަށް ބޭނުންވާ ބައެއްކަންކަން ފާހަގަ ކުރައްވާ ނައިބު ރައީސްގެ ސަމާލުކަމަށް އެކަންކަން ގެނެސްފައި ވެއެވެ.

މީގެ އިތުރުން ރަށުގެ ބަނދަރުގެ މަރާމާތުގެ މަސައްކަތާއި، ފަރަށް އަރާފައިވާ ބާޖު ފުންނުކުރެވި އެކަމުގެ ސަބަބުން ރަށް ގިރުމުގެ މައްސަލަ އިތުރަށް ބޮޑުވެފައިވާ ކަން ފާހަގަ ކޮށްފައި ވެއެވެ. ކައުންސިލް އިދާރާ ބައު ވެފައިވާތީވެ، ކައުންސިލް އިދާރާއަށް އައު އޮފީހެއް ބޭނުންވާކަން ހާމަކޮށްފައި ވެއެވެ.

ރަށުގެ ޒުވާނުންނަށް ފުޓްސަލް ކުޅުމަށް ދަނޑެއްގެ ބޭނުން މުހިންމުވެފައިވާކަން ވެސް ހާމަކޮށްފައި ވެއެވެ.

ކައުންސިލަރުން އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ނޫމަރާއަކީ އާބާދީގެ ގޮތުންވެސް ކުޑަ ރަށަކަށްވެފައި، ރަށުގެ ތަރައްޤީއަށް މީގެ ކުރީގެ ސަރުކާރުތަކުން ދިން ސަމާލުކަން ކުޑަކަން ހާމަކޮށް ކައުންސިލަރުން ވަނީ މި ސަރުކާރުން އެ ރަށުގެ ތަރައްޤީއަށް ދެއްވާ އަހަންމިއްޔަތަށްޓަކައި ޝުކުރުއަދާ ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ކަމާގުޅޭ އިދާރާތަކާއި ގުޅިގެން އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.

ނޫމަރާގެ އާންމު ޙާލަތު އޮޅުންފިލުވާ، ރަށުގެ ޒުުވާނުން މުޖުތަމައުގައި ހުންނަ ނޭދެވޭ އާދަތަކާއި ދުރުކުރުމަށް ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.

ނައިބު ރައީސްގެ ވާހަކަ ފުޅުގައި އިތުރަށް ފާހަގަ ކުރެއްްވިގޮތުގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް އިތުރު ބާރާއި އިޙްތިޔާރުތައް މިހާރު ލިބިދީފައިވާ ކަމަށާއި އެގޮތުން ކައުންސިލަށް ލިބިދީަފައިވާ ބާރުތަކާއިއެކު ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިދީފައިވާ ކަމުގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް