މާލޭގައި މިވަގުތު ތިބި ޕޮރޮގްރެސިވް ކޯލިޝަންގެ ރައީސުންނާއި ކައުންސިލަރުންނާ ލީޑަރޝިޕުން ބައްދަލުކޮށްފި

ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން މިހާރު މާލޭގައި ތިއްބެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ނިސްބަތްވާ ރައީސުންނާއި ބައެއް ކައުންސިލަރުންނާ މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުނ...

13 Oct 2021 | 14:16

ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން މިހާރު މާލޭގައި ތިއްބެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ނިސްބަތްވާ ރައީސުންނާއި ބައެއް ކައުންސިލަރުންނާ މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ބައްދަލު ކުރައްވައިފި އެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި ކައުންސިލްތަކުން ވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނުޙައްގުން މިސަރުކާރުން ދެމުންގެންދާ އަނިޔާ ކުށްވެރި ކުރައްވާފަ އެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި އެބޭފުޅުންނަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މީގެ އިތުރުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" މި ކެމްޕެއިން އަތޮޅުތަކުގައި ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށާއި ޕެޓިޝަންގައި ސޮއިކުރުމުގެ ޙަރަކާތްތައްވެސް ވަރަށް ފޯރީގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ރަށްރަށާއި ކައުންސިލްތަކާއި ޕާޓީއާއެކީ ވަރަށް ރަނގަޅު ގުޅުމެއް އުފެދިފައިވާކަން ފާހަގަކޮށް ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ލީޑަރޝިޕާއި މަޝްވަރާ ކުރެއްވި އެވެ.

ކައުންސިލްތަކުގެ ރައީސުންވަނީ ކައުންސިލުތައް ހިންގުމަށް މިސަރުކާރުން އެއްބާރުލުން ނުދޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ކައުންސިލްތަކަށް ޤާނޫނީ ބާރު ދީފައިވީ ކަމުގައިވިޔަސް ކައުސިލްތަކުން ބޭނުންވާ ބަޖެޓު ސަރުކާރުން ސަރުކާރުން ހަމަޖައްސައިނުދޭތީއާއި ޤާނޫނުން ކުރުމަށް ލާޒިމުކުރާ ކަންކަން ކުރުމަށްވެސް ބަޖެޓު ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މީގެ އިތުރުން ކައުންސިލްތަކުން ސަރުކާރުގެ އިދާރާތަކަށް ފޮނުވާ ސިޓީތަކަށާއި ކުރެވޭ މުޢާމަލާތްތަކަށް އިޖާބަނުދޭކަން ވެސް ފާހަގަކުރެއްވި އެވެ. އަދި ކައުންސިލްތައް ހިންގުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ހުރި ދަތިތައް ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕާއި ހިއްސާކުރެއްވި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުންވަނީ ކައުންސިލްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިދިކޮޅު ސިޔާސީ ކޯލިޝަންގެ ގޮތުގައި ކުރަންޖެހޭ ހުރިހާކަމެއް ކުރަމުންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފަ އެވެ. އަދި ޕާޓީގެ ސިޔާސީ  ޙަރަކާތްތައް ރަށްރަށުގައި ފުޅާކުރުމާއި، މެމްބަރުން އިތުރުކުރުމާއި، އަދި މިހާރު ރަށްރަށުގައި އެކުލަވާލެވިފައިވާ ސްޓިއަރިންގ ކޮމިޓީތަކުގެ މަސައްކަތްތަކާ ބެހޭގޮތުން އެބޭފުޅުންނާއި ލީޑަރޝިޕުން މަޝްވަރާ ކުރެއްވި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަތޮޅުތަކާއެކު އޮންނަ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް