ސާފް ޗެމްޕިއަންޝިޕް 2021: ބަންގްލަދޭޝް ކަޓުވާ ނޭޕާލް ފުރަތަމަ ފަހަރަށް ސާފުގެ ފައިނަލަށް

ރާއްޖޭގައި މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް ކަޓުވާލުމަށްފަހު ސާފް ޗެމްޕިއަންޝިޕް ތާރީހުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ނޭޕާލް ދަތުރު ކޮށްފި އެވެ. ނ...

13 Oct 2021 | 13:38

ރާއްޖޭގައި މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް ކަޓުވާލުމަށްފަހު ސާފް ޗެމްޕިއަންޝިޕް ތާރީހުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ނޭޕާލް ދަތުރު ކޮށްފި އެވެ.

ނޭޕާލް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއިން އެއްވަރު ކޮށްގެންނެވެ. މި މެޗަށް ނިކުތްއިރު ވެސް، ފައިނަލްގެ ޖާގައެއް ހޯދުމަށް ނޭޕާލަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ބަންގްލަދޭޝަށް އަށް އޮތީ މި މެޗުން ސީދާ މޮޅުވެގެން ނޫނީ ފައިނަލަށް ނުދެވޭ ގޮތަށެވެ.

މެޗުގެ ފުރަތަމަ ހާފު ފެށިގެން ހާފުގެ ވަރަށް ކުރީކޮޅު ބަންގްލަދޭޝް އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެމްޑީ ސުމޮން ރެޒާއެވެ. މި ލަނޑަށް ފަހުވެސް ބަންގްލަދޭޝްއިން ރަނގަޅަށް ކުޅެމުން ދިޔައިރު އެޓީމަށް ވަނީ ލީޑު ފުޅާކޮށްލަން ވެސް މި ހާފުގައި ފުރުސަތު ލިބިގެން ގޮސްފައެވެ. ނަމަވެސް މި ފުރުސަތިެ ބޭނުން ނުހިފި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލީ އިތުރު ލަނޑެއް ނުޖެހި ބަންގްލަދޭޝް ކުރީގައި އޮގެންނެވެ.

ނޭޕާލުން މެޗުގެ ފަހު ހާފު ފެށީ ވަރުގަދަކޮށެވެ. އެގޮތުން ބަންގްލަދޭޝްގެ ފަހަތަށް ބާެރު ބޮޑުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކުރަމުން ދިޔައެވެ. ބަންގްލަދޭޝްއަށް މައްސަލަތަކާއި ކުރިމަތިވީ މެޗުގެ 80 ވަނަ މިނިޓުގައި ނޭޕާލުން އުފެއްދި ހަމަލާއެއް ހުއްޓުވުމަށް، ބަންގްލަދޭޝްގެ ގޯލްކީޕަރު ޒިކޯ އޭރިޔާ ބޭރަށް ނުކުމެ، ބޯޅައިގައި އަތްލުމުން ރެފްރީ ދެއްކި ރަތްކާޑާއި ގުޅިގެންނެވެ. މި ރަތްކާޑާއި އެކު ނޭޕާލުން ބަނގްލަދޭޝްގެ ފަހަތައް ކުރަމުން ދިޔަ ޕްރެޝަރު އިތުރަށް ބޮޑުވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 88 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނޭޕާލް ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ޕެނަލްޓީ އަކީ ނޭޕާލުގެ ކުޅުންތެރިން ބަންގްލަދޭޝްގެ ގޯލުގެ ކުރިމައްޗަށް ހުރަސްކުރި ބޯޅައެއް ނޭޕާލްގެ ކުޅުންތެރިއަކު ބޮލުން ޖަހަން އުޅުމުގެ ތެރޭގައި ބަންގްލަދޭޝްގެ ކުޅުންތެރިއަކު ކުރި ފައުލަަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އަންޖަން ބިސްތާއެވެ.

މި ތާރީޚީ މޮޅާއި އެކު ނޭޕާލުން މުބާރާތުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކުރި އިތު، ފައިނަލުގައި ނޭޕާލާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ މިރޭ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗަށް ފަހުގައެވެ. މި މެޗު ފަށާނީ މިރޭ 9:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް