ސާފް ޗެމްޕިއަންޝިޕް 2021: ރައީސް ނަޝީދު ވިދާޅުވާ ގޮތުން މިރެއަކީ ރާއްޖޭގެ ގައުމީ ޓީމު ފައިނަލަށްދާ ރޭ!

އުރީދޫ ސާފް ޗެންޕިއަންޝިޕް 2021" ގައި މިރެއަކީ ދިވެހި ގައުމީޓީމް ފައިނަލަށްދާ ރޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ރ...

13 Oct 2021 | 12:05

އުރީދޫ ސާފް ޗެންޕިއަންޝިޕް 2021" ގައި މިރެއަކީ ދިވެހި ގައުމީޓީމް ފައިނަލަށްދާ ރޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ރިޔާސަތުގައި އިންނަވައި އެމަނިކުފާނު ވިދާޅުވީ، މިއީ ދިވެހި ޓީމު ފައިނަލަށް ދާނެ ރޭ ކަމުގައެވެ. ފުޓުބޯޅައިގެ ތަޖުރިބާ ކާރުންނާ ކުރެވުނު މަޝްވަރާތަކުން މިރޭ ދިވެހި ޓީމަށް ފައިނަލަށް ދެވޭނެ ފުރުސަތު ފަހިކަމަށް އެބޭފުޅުން ވެސް ލަފާކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ ކައުންސިލަރ ޖެނެެރަލްގެ ޒަވާޖީ ހަޔާތް ގުޅިފައިވަނީ ފުޓުބޯޅައާ ކަމަށާއި، އެކަމަނާގެ ލަފާ ހޯދުމުން ވެސް ޤައުމީ ޓީމަށް އެއްވަރު ކޮށްލައިގެން ވެސް ފައިނަލަށް ދެވޭނެކަމަށް ވިދާޅުވެފައިވާކަމަށެވެ. ނަމަވެސް ޤައުމީ ޓީމު ފައިނަލަށް ދާނީ މޮޅުވެގެންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕްގައި ބުދަ ދުވަހުގެރޭ އިންޑިއާ އާ ދެކޮޅަށް ރާއްޖެއިން ކުޅޭއިރު، މި މެޗު އެއްވަރު ކޮށްލައިގެން ވެސް ރާއްޖެއަށް ފައިނަލަށް ދިޔުމުގެ ފުރުސަތުު އެބައޮތެވެ.

އެކަމަކު އިންޑިއާ މެޗުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ މި މެޗަށް ރާއްޖެއިން ނުކުންނާނީ މެޗުން މޮޅުވެ ފައިނަލަށް ދަތުރު ކުރުމަށް ކަމަށެވެ. މި މެޗަށް ރާއްޖެއިން ނުކުންނައިރު، އިންޑިއާއަށް ވެސް ފައިނަލަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އިންޑިއާއިން ފައިނަލަށް ދެވޭނީ ރާއްޖެ ބަލިކޮށްގެންނެވެ. ރާއްޖެ ފައިނަލަށް ގޮސްފިނަމަ ބައްދަލު ކުރަން ޖެހޭނެ ޓީމެއް އެނގޭނީ ބުދަ ދުވަހު ހަވީރު ބަންގްލަދޭޝް އާއި ނޭޕާލް ބައްދަލުކުރާ މެޗުންނެވެ.

ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 21:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް