ސާފް ޗެމްޕިއަންޝިޕް 2021: ހިޔާ ފްލެޓް ސަރަހައްދުގަ މެޗު ބެލޭނެ އިންތިޒާމް ހަމަޖައްސައިފި

މިހާރު ދިވެހިރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2021ގައި މިރޭ ދިވެހިރާއްޖެ އާއި އިންދިއާ ބައްދަލުކުރާ މެޗް ހިޔާ ފްލެޓް ސަރަހައްދުން ބެލޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ. ހައުސިން ޑެވެލޮޕްމަންޓ...

13 Oct 2021 | 10:21

މިހާރު ދިވެހިރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2021ގައި މިރޭ ދިވެހިރާއްޖެ އާއި އިންދިއާ ބައްދަލުކުރާ މެޗް ހިޔާ ފްލެޓް ސަރަހައްދުން ބެލޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ދިރާގު ގުޅިގެން، ހިޔާ ފުލެޓް ސަރަހައްދުގައި ޤައުމީ ޓީމުގެ މެޗު ބެލޭނެ އިންތިޒާމު ކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. މެޗް އެޅުވުމަށް ހަމަޖެހިފައިވަނީ ދިރާގު ޓީވީ މެދުވެރިކޮށެވެ.

މި ފަހަރުގެ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ބުދަ ދުވަހުގެރޭ އިންޑިއާ އާއި ދެކޮޅަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސަޕޯޓަރުންގެ ހިތްވަރު ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ވިދާޅުވެއެވެ.

މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗްގައި ބުދަ ދުވަހުގެރޭ އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، މި މެޗު އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ.

މި މެޗްގެ ކުރިން އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ މި މެޗަށް ނުކުންނައިރު، ދިވެހި ސަޕޯޓަރުންގެ ހިތްވަރު ފެނި ކުޅުންތެރިންނަށް އިތުރު މޯޓިވޭޝަނެއް ލިބިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރަނީ ސަޕޯޓަރުން މާޔޫސްވިޔަ ނުދިނުމަށް ކަމަށާއި، ޓީމުގެ ހުރިހާ ކުޅުންތެރިން ސަޕޯޓަރުންނަށްޓަކައި އެ ހިތްވަރު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ސުޒޭން ބުނީ މި މެޗުން ޕޮއިންޓަކުން ފުއްދާލައިގެންވެސް ރާއްޖެއަށް ފައިނަލަށް ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެކަމަކު ޕޮއިންޓަކާއެކު ފައިނަލަށް ދާން ރާއްޖޭން ނުވިސްނާ ކަމަށެވެ. އަދި އިންޑިއާއާ ބެހޭ ގޮތުން ސުޒޭން ބުނީ ޕޮއިންޓްގެ ގޮތުން ރާއްޖެ އާއި ނޭޕާލަށްވުރެ ފަހަތުގައި އިންޑިއާ އޮތް ނަމަވެސް، އެ ޓީމަކީ މި ސަރަހައްދުގެ ގަދަ ބާރު ކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރާނަމަ އެކަން ކުރެވޭނީ އިންޑިއާ ބަލިކޮށްގެން ކަމަށްވެސް ސުޒޭން ވަނީ ވިދާޅުވިއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ލީގު ބުރުގައި ރާއްޖޭން އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، އަމިއްލަ ދަނޑުގައި ރާއްޖޭން ވަނީ އިންޑިއާއާ ތިން ފަހަރު ބައްދަލުކޮށްފައެވެ. އެ މެޗްތަކުގެ ތެރެއިން ރާއްޖެއަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެއީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބުލީ މުބާރާތުގައެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު މެޗް 1-0ގެ ނަތީޖާއަކުން އިންޑިއާއިން ކާމިޔާބުކުރިއިރު، 2011 ވަނަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗް ނިމުނީ 1-1 އިން އެއްވަރުވެގެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް