ސާފް ޗެމްޕިއަންޝިޕް 2021: ދިވެހިރާއްޖެ - އިންޑިއާ | ޕްރިވިއު

މިހާރު ރާއްޖޭގައި ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުތަކުގެ ކުޅުން މިއަދާއި މިރޭ ކުރިޔަށް ދާއިރު، މިރޭ ކުޅޭ...

13 Oct 2021 | 08:54

މިހާރު ރާއްޖޭގައި ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުތަކުގެ ކުޅުން މިއަދާއި މިރޭ ކުރިޔަށް ދާއިރު، މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ވާދަވެރި އިންޑިއާއެވެ. ސުނިލް ޗެތްރީ އަދި އަލީ އަޝްފާޤް (ދަނގަޑޭ) ގެ ކުރިމަތިލުމެއްގެ ގޮތުގައި ގިނަ ބަޔަކު ޝިފަކުރާ މި މެޗަކީ މިފަހަރުގެ މުބާރާތުގައި ފެނިގެންދާނެ އެންމެ ފާހަގަކޮށްލެވޭނެ އެއް މެޗަށް ވެގެންދާނެއެވެ. ރާއްޖެއާއި އިންޑިއާގެ ކުރިމަތިލުންތަކަކީ އަބަދުވެސް ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދާ މެޗުތަކެވެ. އެގޮތުން މިރޭގެ މެޗަކީ ވެސް އެފަދަ އެފަދަ މެޗަކަށް ވެގެންދާނެއެވެ.

މިހާރުވެސް ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ގެންދާ މި މެޗަށް ދެ ޓީމުންވެސް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވެ ނިމިފައި ވާއިރު، މި މެޗަކީ ދެޓީމަށްވެސް ޕްރެސަރު މެޗަކަށް ވެގެންދާނެއެވެ. ދެޓީމަށްވެސް މެޗު ކާމިޔާބު ކޮށްގެން ފައިނަލަށް ދިއުމުގެ ފުރުސަތު އޮތް އިރު، މި މެޗުން މޮޅުވެގެން ފައިނަލަށް ދިއުމަކީ ދިވެހިރާއްޖޭގެ ވެސް އަދި އިންޑިއާގެ ވެސް އެންމެ ބޮޑު އުންމީދެވެ.

މުބާރާތުގެ އެންމެ ފަހު މެޗަށް ރާއްޖެ އަދި އިންޑިއާ މިރޭ ނިކުންނައިރު، މި ދެޓީމުވެސް ވަނީ މިހާތަނަށް ގުރޫޕް ސްޓޭޖުގައި ތިން މެޗެއް ކުޅެފައެވެ. އެގޮތުން ދިވެހިރާއްޖެ އަށް ބަލާއިރު ރާއްޖެ މުބާރާތުގައި ކުޅުނު ތިންމެޗުގެ ތެރެއިން ދެމެޗުން ވަނީ މޮޅުވެފައެވެ. އެއް މެޗުން ވަނީ ބަލިވެފައެވެ. ރާއްޖެ ގުރޫޕް ސްޓޭޖުގައި ނޭޕާލާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާއިރު، އެމެޗުން ރާއްޖެ ބަލިވީ 0-1 ގެ ނަތީޖާއއިންނެވެ. މުބާރާތުގެ ދެވަނަ މެޗުގައި ރާއްޖެ ބައްދަލުކުރީ ބަންގްލަދޭޝްއާއެވެ. އެމުން ރާއްޖެ މޮޅުވެފައިވަނީ 0-2 ގެ ނަތީޖާއިންނެވެ. އަދި މުބާރާތުގެ ތިންވަނަ މެޗުގައި ރާއްޖެ ލަންކާއާއި ބައްދަލުކުރި އިރު އެމެޗުން ރާއްޖެ މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.

އިންޑިއާ އަށް ބަލާއިރު އެޓީމު މުބާރާތުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ދެމެޗުން އެއްވަރުވިއިރު، އެއްމެޗުން ވަނީ މޮޅުވެފައެވެ. އެޓީމުން މުބާރާތުގައި ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާއި ވާދަކޮށް 1-1 ގެ ނަތީޖާއިން އެއްވަރުވއިރު، މުބާރާތުގެ ދެވަނަ މެޗުގައި ސްރީލަންކާއާއި ވާދަކޮށް އެއްވަރުވެފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއިންނެވެ. އިންޑިއާ މޮޅުވީ އެޓީމު ކުޅު ތިންވަނަ މެޗުގައި ނޭޕާލާއި ވާދަކޮށް 0-1 ގެ ނަތީޖާއިންނެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެ މިހާތަނަށް ނެރެފައިވާ ނަތީޖާތައް

ރާއްޖެ – ނޭޕާލް (0-1)

ރާއްޖެ – ބަންގްލަދޭޝް (2-0)

ރާއްޖެ – ސްރީލަންކާ (1-0)

ޖެހި ގޯލުގެ އަދަދު – 03

ބައިކޮޅަށް ވަތް ގޯލުގެ އަދަދި – 01

ފައިދާ ގޯލުގެ އަދަދު – 02

ލިބިފައިވާ ޖުމުލަ ޕޮއިންޓްގެ އަދަދު -06

ގުރޫޕުގެ މަޤާމު – 02 ވަނަ

މިފަހަރުގެ މުބާރާތުގައި އިންޑިއާ މިހާތަނަށް ނެރެފައިވާ ނަތީޖާތައް

އިންޑިއާ – ބަންގްލަދޭޝް (1-1)

އިންޑިއާ – ސްރީލަންކާ (0-0)

އިންޑިއާ – ނޭޕާލް (1-0)

ޖެހި ގޯލުގެ އަދަދު – 02

ބައިކޮޅަށް ވަތް ގޯލުގެ އަދަދި – 01

ފައިދާ ގޯލުގެ އަދަދު – 01

ލިބިފައިވާ ޖުމުލަ ޕޮއިންޓްގެ އަދަދު -05

ގުރޫޕުގެ މަޤާމު – 03 ވަނަ

ރާއްޖެ އަދި އިންޑާގެ ތާރީޚީ ކުރިމަތިލުންތައް

ރާއްޖެ އަދި އިންޑިއާ މީގެ ކުރިން 20 ފަހަރު ވަނީ ބައްދަލުކޮށްފައެވެ. އޭހެ ތެރެއިން 14 މެޗުން އިންޑިއާ މޮޅުވެފައި ވާއިރު، ރާއްޖެ މޮޅުވެފައި ވަނީ ހަތަރު މެޗުންނެވެ. ދެ މެޗުން ވަނީ އެއްވަރުވެފައެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މި ދެޓީމު މީގެ ކުރިން 11 ފަހަރު ބައްދަލު ކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ހަތަރު ސެމީ ފައިނަލް މެޗާއި ހަތަރު ފައިނަލް މެޗުގެ އިތުރުން ތިން ގުރޫޕް ސްޓޭޖު މެޗެވެ.

މީގެ ކުރިން އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި ގުރޫޕް ސްޓޭޖުގެ މެޗުތަކުގެ ނަތީޖާތައް

2008- އިންޑިއާ - ރާއްޖެ :(1-0)

2009- އިންޑިއާ - ރާއްޖެ :(0-2)

2018- އިންޑިއާ - ރާއްޖެ :(0-2)

މީގެ ކުރިން އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި ސެމީފައިނަލް މެޗުތަކުގެ ނަތީޖާތައް

1999 - އިންޑިއާ - ރާއްޖެ :(2-1)

2005 - އިންޑިއާ - ރާއްޖެ :(1-0)

2011 - އިންޑިއާ - ރާއްޖެ :(3-1)

2015 - އިންޑިއާ - ރާއްޖެ :(3-2)

މީގެ ކުރިން އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި ފައިނަލް މެޗުތަކުގެ ނަތީޖާތައް

1997 - އިންޑިއާ - ރާއްޖެ :(5-1)

2008- އިންޑިއާ - ރާއްޖެ :(0-1)

2009- އިންޑިއާ - ރާއްޖެ :(0-0) އެއްވަރުވެ ޕެނަލްޓީ ޖަހައިގެން އިންޑިއާ މޮޅިވީ 1-3 އިން

2018- އިންޑިއާ - ރާއްޖެ :(1-2)

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އަދި އިންޑިއާ ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ ރާއްޖޭ ގަޑިން 9:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް