މާލޭގެ ރައްޔިތުންނަށް އަތޮޅު ތެރޭގެ ރަށްތަކުގައި ވަޒަންވެރިވެ، ބިން ލިބޭނެ ގޮތެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ވަޑައިގެން މިއަދު އެވެ.
އިތުރު ސުވާލުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިއީ 21 ވަނަ ގަރުނަށްވާއިރު ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އެމީހަކު ބޭނުން ތަނެއްގައި ވަޒަންވެރި ވުމުގެ ފުރުސަތު މަނާވެގެން ނުވާނެ ކަމަށެވެ. އަދި އެއީ ވަރަށް ބޯދާ ވިސްނުމެއް ކަމަށެވެ.
"މާލެއިން ލިބިފައިވާ ބިން ދޫކޮށްލުމުން ފުލެޓެއް ނުވަތަ ގޯއްޗެއް ދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން ހިންގާ ޕްރޮގުރާމުގެ ދަށުން ދޫކުރާނީ 1،200 ގޯތި. ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގެވި ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން ގޯތި ދޫކޮށްލި ބައެއް ފަރާތްތަކަށް ގޯތި ދޫނުކުރެވި އެބަހުރި." އަސްލަމް ވިދާޅުވި އެވެ.
އެ މަސައްކަތަކީ އޭނާ ކުރައްވަން ބޭނުންފުޅުވާ މަސައްކަތެއް ކަމަށާއި އެ ފަރާތްތަކަށް ގޯތި ދޫކުރުމަކީ ކުރައްވަން އެދިވަޑައިގަންނަވާ ކަމެއް ކަމުގައިވީ ނަމަވެސް އޭނާގެ އަތްޕުޅުވަނީ ބަނދެވިފައި ކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވި އެވެ.
އޭނާއަށް ވެސް މަސައްކަތްކުރެވޭނީ ޤާނޫނީ އިދާރާތަކުން ކަނޑައަޅާ އިންތަކުގެ ތެރެއިން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގެވި ވެށިފެހި ޕްރޮގުރާމުގެ ދަށުން ގޯތި ދޫކޮށްލުމުން ގޯތި ލިބިފައި ނެތް ފަރާތްތަކަށް ގޯތި ދިނުމުގެ އިތުރަށް މާލެއިން ގޯތި ދޫކުރާ ފަރާތްތަކަށް ގޯތި ދިނުމަށް މި ސަރުކާރުން ހިންގަން ރާވާފައިވާ ހަމައެކަނި މަޝްރޫޢަކީ ގުޅިފަޅުގައި ހިއްކާ ސަރަހައްދުން ގޯތި ދޫކުރުމަށް ހިންގާ މަޝްރޫޢު ކަމަށެވެ.
އެ މަޝްރޫޢުގެ ދަށުން ދޫކުރާނީ 1،200 ގޯތި ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް