މީގެ ދެ ރެއެއް ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭއްވި، ނޫސްވެރިންނަށް އިނާމު ދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. އޭނާ އެރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވާން ފަށައި، އަސްލު މައުލޫއަށް ދިއުމުގެ ކުރިން އޭނާ ވިދާޅުވީ "އަޅުގަނޑުގެ ބޮކި ނިވިފަ ހުރެފަ ދިއްލުނު ވަގުތު" އެ ހަފްލާއަށް ދައުވަތު އެރުވީތީ ޝުކުރުއަދާކުރައްވާކަމަށެވެ.
ރަނގަޅު ވާހަކައެކެވެ. މަހުލޫފުގެ ބޮކި އަނެއްކާވެސް މިވަނީ ދިލިފައެވެ. އެއީ ސަސްޕެންސް އުވާލުމާއެކު ދިލުނު ދިލުމެވެ. މިފަހަރު އެ ބޮކީގެ އަލި ފަނޑުވާކަށް މަހުލޫފު ބޭނުމެއް ނުވާނެކަން ޔަގީނެވެ. ގައުމީ ޓީމު މިއަދުގެ މެޗުން މޮޅުވެއްޖެނަމަ ނާޗަރަންގީ ޝޯތަކެއް ބާއްވާނެކަން އިއުލާނު އެ ކުރެއްވެވީވެސް ބޮކި ދިއްލާފައި ބެހެއްޓުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ. ހަބަރުތަކުގެ ފަލަ ސުރުހީއަށް އަރާނަމަ އަބަދުވެސް ބޮކި ހުންނާނީ ދިއްލިފައިތާއެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ މަހްލޫފްގެ ބޮކި ދިއްލައި އަލި ގަދަކޮށް ބަހައްޓާން އޭނާ ބޭނުންވަނީ "ގުޑް އޯރ ބޭޑް" ވިޔަސް ޕަބްލިސިޓީ ކަަމުގައި ބެލެވެއެވެ.
އޮފީހަށް ވަދެ ފުރަތަމަ ވެސް "ފެޅީ ކަރައެއް!"
މަހުލޫފު މަގާމުގެ މަސްއޫލިއްޔަތާ އަލުން ހަވާލުވީ ބޮކީގެ އަލި ގަދަކުރަން ވަރަށް މުނާސަބު ވަގުތެއްގައެވެ. މި ބައްރުގެ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް ދިވެހިރާއްޖޭގައި ކުޅެމުންދާ ދަނޑިވަޅެއްގައެވެ. މުބާރާތުގެ ކަންކަން އިންތިޒާމްވެފައި ހުރި ފުރިހަމަކަމެއްގެ ސަބަބުން އެތައް މައްސަލައެއް، އާދެ މައްސަލަ ފުންޏެއް ޖަމާވެފައިވާ ދަނޑިވަޅެއްގައެވެ. އިންތިޒާމީ މައްސަލަތައް ބޮއްސުންލާފައިވާ ވަގުތެއްގައެވެ. އެންމެ ބޮޑަށް ގޯހުންގޯހަށް ގޮސް އަތަށް ގޮވީ ޓިކެޓް ދޫކުރުމުގެ ކަންކަމެވެ. ސާފް ޗެމްޕިއަންޝިޕް 2021އަކީ ޓިކެޓްގެ މައްސަލައިގައި އާންމުން އެންމެ ގިނައިން އިހުތިޖާޖު ކުރި މުބާރާތަށް ވާނެއެވެ.
ވިދާޅުވީ ކީކޭތޯއެވެ؟ ސަޕޯޓަރުންނަށް ދިމާވި ދަތިއުނދަގުލަށް މައާފަށްއެދޭ ކަމަށެވެ. އަދި “އެފްއޭއެމްއާ ވާހަކަ ދައްކައިގެން ވީހާވެސް ގިނަ ބަޔަކަށް،މިހާރަށްވުރެ ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތް ކުރިއަށްހުރި މެޗުތަކަށް އިރާދަކުރެއްވިއްޔާ ރާވަދޭނަން.” ކަމަށް ވިދާޅުވިއެވެ. އެކަމަކު ޖެހިގެން އައި އިންޑިއާ-ދިވެހިރާއްޖެ މެޗުގެ ޓިކެޓް ނެގުމަށް ވެސް އެތައް ބަޔަކަށް ޓިކެޓް ކިޔޫގައި އެތައް ވަގުތެއް ތިބެން ޖެހުނެވެ. ރަތް ދައްކާ އަވީގައި އެތައް ބަޔަކު ތިއްބެވެ. އެތައް ހާސް ބަޔަކަށް ޓިކެޓް ދޫކުރަން އެންމެ 3 ކައުންޓަރެވެ. "ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތް ކުރިއަށްހުރި މެޗުތަކަށް އިރާދަކުރެއްވިއްޔާ ރާވަދޭނަން.” ވީ ޖަމަލު ފޮޑިއަކަށެވެ.
ދެން ދެއްކީ ދަނޑު ހަލާކުވެފައިވާ ވާހަކަ، މަރާމާތު ނުކުރެވުނީ ކީއްވެ؟
ޓިކެޓް ވާހަކަ ބާއްވާށެވެ. އެކަން ވާ ގޮތެއް ނުވިތާއެވެ. ބޮކި ނިވިދާނެތީ އިތުރު ވާހަކައެއް އަވަހަށް ދައްކަން އެބަ ޖެހެއެވެ. ދެން ސުރުޚީތަކަށް އަރުވާލީ ގަލޮޅު ރަސްމީ ބޯޅަދަނޑު ހަލާކުވެފައިވާ ވާހަކައެވެ. މުބާރާތުގެ ޓިކެޓްގެ އަޕްޑޭޓެއް ދެމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ގަލޮޅު ރަސްމީ ސްޓޭޑިއަމްއަކީ 12،000 މީހުންނަށް ތިބެވޭނެ ޖާގަ އޮތް ނަމަވެސް ދަނޑު ބާވެ، ހަލާކުވެފައިވުމާއި ގުޅިގެން އެތަނުގައި މިހާރު އޮތީ 5،000 ސަޕޯޓަރުންނަށް ވަދެވޭނެ ޖާގަ ކަމަށެވެ. އާ ދަނޑެއް އެޅުމަށް މިހާރު ފައިސާ ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މަހުލޫފެވެ. އާ ދަނޑެއް އަޅަން ވަގުތު ބޭނުންވާނެކަން އެނގެއެވެ. މިހާރު އޮތް ދަނޑު މަރާމާތު ކުރަން ވެސް ވަގުތު ދާނެއެވެ. މަނިކުފާނު މަގާމާ ހަވާލުވީ މިއަދަކު ނޫނީ އިއްޔެއަކު ނޫނެވެ. ވީމާ ގަލޮޅު ދަނޑު ހަލާކުވެފައިވާކަން މާ ކުރިން މަނިކުފާނަށް ހަމަ ރަނގަޅަށް އެނގިލައްވާނެއެވެ. ދަނޑު މަރާމާތުކުރަން ކޮންމެހެން ބޭނުން ނަމަ އެކަން ކުރާނެ ދުވަސް މިހާރު ލިބިއްޖެ ނޫންތޯއެވެ؟ ތިޔައީ ހަމަ ބޮކީގެ އަލި ފަނޑުވެދާނެތީ ހަދާލާ ސުރުޚީތައް ނޫން ދެން ކޮން އެއްޗެއްތޯއެވެ؟
މޮޅެއް ލިބުނަސް ބޭނުމީ މުންކަރާތުން އެކަން ފާހަގަކުރަން!
ދެން މި އޮތީ އަނެއް ވާހަކައެވެ. ޔޫތު މިނިސްޓަރު ހީވަނީ ދިވެހި ގައުމީ ޓީމް މޮޅުވެދާނެތީ ކަންބޮޑުވެގެން އުޅެނީ ހެންނެވެ. ދިވެހިރާއްޖެ އާއި އިންޑިއާ މިރޭ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ކޮންމެ ރެއަކު މިއުޒިކު ޝޯވް ބާއްވާނަމޯލައެވެ. ދިވެހިންގެ ތެރެއިން މެޖޯރިޓީ އެކަމާ ނުރުހޭކަން މީސްމީޑިއާ ބަލާލީމާ ސާފުވާނެއެވެ. މޮޅެއް ލިބުމުން ނުވަތަ ލިބޭތޯ އޮތީ ހެޔޮ ކަންކަން ކުރުމެވެ. ގޯސް ނުބައި މުންކަރާތްތަކަށް އެރުމެއް ނޫނެވެ. އާންމުންގެ އިތުރުން ޢިލްމުވެރިން މިކަމާއި ދެކޮޅަށް ޚިޔާލުފާޅުކުރި ނަމަވެސް ނިންމުން އަންބުރާ ގެންދަން މިނިސްޓަރު އަދި ނުނިންމަވައެވެ. ހީވާކަހަލައެވެ. ތިމަންނައަށް ވަރިހަމައެވެ. ތިމަންނަ ބޭނުންވީ ސަމާލުކަމެވެ. އެކަން ވެއްޖެއެވެ.
ޢިލްމުވެރިން ބުނަނީ ކީކޭ؟
ރާއްޖޭގައި ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އިޔާޟް އަބްދުއްލަތީފް ވިދާޅުވީ، މޮޅުވިޔަސް ބަލިވިޔަސް ހިސާބުގަނޑު މީހުންނަށް އުޅެން އުނދަގޫވާ ޒާތުގެ ކަންކަންކޮށްގެން ނުވާނެ ކަމަށެވެ. އަދި އިޔާޟް ވިދާޅުވީ އެތައް ރައްޔިތުންތަކެއް އެމީހުންގެ އަސާސީ ބޭނުންތައް ނުފުއްދި ތިއްބާ، ޚަޒާނާގައި ހުރި ފައިސާކޮޅު މުންކަރާތް ތަކުގައި ތަޅާ ހުސްކުރަން ކުރާ މަސައްކަތް ހުއްޓާލަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ދީނީ ކަންކަން ޕްރޮމޯޓްކުރުމުގައ ޢިލްމުވެރިންނާ އެކު އުޅުއްވާ ކުޜިގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރަމީޒު ވިދާޅުވީ، ކާމިޔާބު ލިބުމުން މާތް ﷲއަށް އުރެދުމުގެ ބަދަލުގައި މާތް ﷲއަށް ޝުކުރު އަދާ ކުރުން ހެޔޮކަންބޮޑު ކަަމަށެވެ. އޭނާ ވަނީ، އެގޮތަށް ކަންތައް ނުކުރުމަށް މަހުލޫފުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.
މިއުޒިކާއި ލަވަ ހަރާމްކަން ދޭހަވާ ދަލީލުތައް!
ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން ލަވަޔާ މިއުޒިކް ޙަރާމް ކަމަށް ޢިލްމުވެރިން ދަލީލު ދައްކަވައެވެ. އެގޮތުން އެންމެ މަޝްހޫރު އާޔަތަކީ ލުޤްމާން ސޫރަތުގެ ހަވަނަ އާޔަތެވެ. ﷲ ވަޙީކުރައްވާފައިވަނީ: وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ[لقمان:6] މާނައީ " އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކު ވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އެބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ." އަދި އިމާމް އިބްނި ކަޘީރު ރަޙިމަހުﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އިބްން މަސްޢޫދު ރަޟިޔަﷲ ޢަންހު މިއާޔަތާއި މެދު ވިދާޅުވެއެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ލަވައެވެ. އަދިވެސް މިފަދައިން ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި އިބްނު ޢައްބާސާއި، މުޖާހިދާއި، ޘައުރީ އާއި މަކްޙޫލް ރަޟިޔަﷲ ޢަންހުމް ފަދަ ބޭފުޅުން ހިމެނެއެވެ.
އަދިވެސް ﷲ އަލް އިސްރާ ސޫރަތުގައި ވަޙީކުރައްވާފައި ވެއެވެ. وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ[الإسراء:64] މާނައީ " އަދި އެބައިމީހުންގެ ތެރެއިން، ކަލެއަށް (ޝައިޠާނާއަށް) ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވާ ހެއްލުން ތެރިކުރާށެވެ! "ތަފްސީރު ޢިލްމުވެރިންގެ ތެރެއިން އިބްނު ކަޘީރާއި އިބްނު ޖަރީރް ރަޙިމަހުމުﷲ ފަދަބޭފުޅުން ވިދާޅުވަނީ އެތަނުގައި ޝައިޠާނާގެ އަޑޭ އެވާ ބަހުގެ މުރާދަކީ ލަވައެވެ. މިފަދަ އެތައް އާޔަތަކުން ޢިލްމުވެރިން އިސްތިދްލާލު ކުރައްވައެވެ.
ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކަށް ބަލާލާއިރު މިކަމަށް ދަލީލުކޮށްދޭ ބަސްފުޅުތައް ނުހަނު ގިނަ ގުނައެވެ. އެގޮތުން ކޮންމެވެސް ވަރެއް ބަޔާންކޮށްލާނަމެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ.))ليكونن من أمتي أقوام يستحلون الحروالحرير والخمر والمعازف(((رواهالبخاريفي صحيحهمعلقاً بصيغة الجزم) މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކު މީހުން އަންނާނެއެވެ. އެމީހުން ޒިނޭއާއި، ފަށުވިފޭރާމާއި (ފިރިހެނުންނަށް)، ރަލާއި، އަދި މިއުޒިކު ސާމާނު ހުއްދަކުރާނެއެވެ".)) صوتان ملعونان في الدنيا والآخرة: مزمار عند نعمة، ورنة عندمصيب(((روىالبزارفي مسنده،صححهالألبانيفي تحريمآلات الطرب) މާނަޔަކީ: "ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލެއްވިގެންވާ ދެއަޑެއް ވެއެވެ. އެއީ ނިޢުމަތެއް (އުފާވެރިކަމެއް) ލިބޭހިނދު އިވޭ އަޑަކާއި، މުޞީބާތެއް (ހިތާމައެއް) ލިބޭހިނދު އިވޭއަޑެކެވެ. "ޢިލްމުވެރިން ވިދާޅުވާ ގޮތުންނަމަ، އުފާވެރިކަމެއް ދިމާވާ ހިނދު އިވޭ އަޑެކޭ ބުނެވޭ ބަހުގެ މުރާދަކީ އުފާވެރި މުނާސަބަތު ތަކުގެ ނަމުގައި ކިޔޭ ލަވަތަކާއި ކުޅެވޭ މިއުޒިކާއި ނެށުމުގެ ވާހަކައެވެ. އެހެނެއް ކަމަކު އުފާވެރިކަމެއް ދިމާވާ ހިނދު ޝުކުރު ދަންނަވަން ޖެހޭނީ އެއްކައުވަންތަ ﷲ އަށެވެ. ލަވަޔާ މިއުޒިކަކުން ނޫނެވެ.))في هذه الأمة خسف ومسخ وقذف، قالرجل من المسلمين: يا رسول الله، ومتى ذلك؟ قال: إذا ظهرت القينات والمعازف وشربتالخمر((رواهالترمذيوصححهالألبانيމާނައީ: "މިއުންމަތުގެ ތެރެއިން ބަޔަކު ޤަޛުފް ކުރެވި، ސިފަބަދަލުވެ، ބިމަށް ގަންބަވައި ގަނެވޭނެއެވެ. އެހިނދު މުސްލިމުންގެ ތެރެއިން މީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އެއީ ކޮން އިރަކުން ތޯއެވެ؟ އެހިނދު ޙަދީޘްފުޅުކުރެއްވިއެވެ. ރާބުއިމާއި މިއުޒިކުސާމާނާއި އަޅުން ޢާއްމު ވުމުންނެވެ."))ليشربن ناس من أمتي الخمر يسمونهابغير اسمها، وتضرب على رؤوسهم المعازف والمغنيات، يخسف الله بهم الأرض، ويجعل منهمالقردة والخنازير(((صححهالألبانيفي غايةالمرام)
މާނައީ: " ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަޔަކު ބަނގުރާ ބޯނެއެވެ. އެބައިމީހުން އޭގެ ނަން ނޫން އެހެން ނަމެއް އެއަށް ކިޔާނެއެވެ. އެބައިމީހުން ތިބޭ ތަންތަނުގައި މިއުޒިކް ސާމާނުތަކުން މިޔުޒިކު ކުޅެ، ލަވަކިޔާ އަންހެނުން ލަވަކިޔާނެއެވެ. ﷲ އެބައި މީހުން ބިމުގެ ޢަޑިއަށް ގަންބަވާނެތެވެ. އަދި އެބައި މީހުންގެ ތެރެއިން ރާމާމަކުނުތަކާއި އޫރުތައް ލައްވާނެއެވެ."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް