ވޯލްޑްކަޕް ކޮލިފައިން: ރޮނާލްޑޯގެ ލަނޑުތަކާއި އެކު މޮޅުވެ ޕޯޗުގަލް ކޮލިފައިވުމާއި ގާތަށް

އަންނަ އަހަރު ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑްކަޕަށް ކޮލިފައި ވުމަށް ޔޫރަޕިއަން ކޮލިފައިން ބުރުގައި ލަގްޒެމްބާގާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ވޯލްޑްކަޕަށް ކޮލިފައި ވުމާއި ގާތަށް ޕޯޗުގަލްއިން ޖެހި...

13 Oct 2021 | 04:47

އަންނަ އަހަރު ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑްކަޕަށް ކޮލިފައި ވުމަށް ޔޫރަޕިއަން ކޮލިފައިން ބުރުގައި ލަގްޒެމްބާގާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ވޯލްޑްކަޕަށް ކޮލިފައި ވުމާއި ގާތަށް ޕޯޗުގަލްއިން ޖެހިލައިފިއެވެ.

އަމިއްލަ ގައުމުގައި ލަގްޒެމްބާގާއި ދެކޮޅަށް ކުނު މި މެޗުން ޕޯޗުގަލް މޮޅުވީ 0-5 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ތިން ލަނޑު ކާމިޔާބު ކޮށް މި މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ ރޮނާލްޑޯ ޕޯޗުގަލް ގައުމީޓީމުގައި ފުރިހަމަ ކުރި 10 ވަނަ ހެޓްރިކެވެ.

ރޭގެ މެޗު ފަށައިގެން ވެސް މޮޅަށް ކުޅެފައިވަނީ ޕޯޗުގަލްއިންނެވެ. އެގޮތުން މެޗު ގެ ނުވަ ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ޕޯޗުގަލްއިން މެޗުގެ ލީޑު ނެގިއިރު، މި ލަނޑު ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕޯޗުގަލްއަށް ދެވަނަ ޕެނަލްޓީއެއް ވެސް ލިބުނުއިރު، ރޮނާލްޑޯ ވަނީ މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑަށް ފަހު މެޗުގެ 18 ވަނަ މިނެޓުގައި ޕޯޗުގަލްއިން އެޓީމުގެ ތިންވަނަ ލަނޑު ޖެހި އިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބުރޫނޯ ފެނާންޑޭސްއެވެ.

ތިން ލަނޑުގެ ލީޑަކާއި އެކު ޕޯޗުގަލްއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، އެ ޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބުރޫނޯ ފެނާންޑޭސްގެ އެހީތެރިކަމާއި އެކު ޖާއޯ ޕަލީނިއޯއެވެ. އަދި މެޗުގެ 87 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށް މި މެޗުގައި އޭނާގެ ހެޓްރިކް ފުރުހަމަ ކޮށްފައެވެ.

މި މޮޅާއި އެކު ޕޯޗުގަލް އޮތީ އެޓީމު ހިމެނޭ ގުރޫޕް އޭގައި ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނާގައެވެ. މި ގުރޫޕުގެ އެއްވަނާގައި އޮތީ ޕޯޗުގަލްއަށް ވުރެ އެއްމެޗު އިތުރަށް ކުޅެގެން 17 ޕޮއިންޓާއި އެކު ސާބިއާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް