ނޭޕާލްގެ މުގޫ ޑިސްޓްރިކްޓުގެ ފަރުބަދަ މަތިން ދަތުރު ކުރަމުން ދިޔަ ބަހެއް ވެއްޓި 28 މީހުން މަރުވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ހާދިސާ ހިނގީ އިއްޔެ މެންދުރު އެވެ. އެކްސިޑެންޓުވީ އެ ޑިސްޓްރިކްޓުން ބޭރުވެ ފަރުބަދަ މަތީ މަގަކުން ދަތުރު ކުރަމުން ދަނިކޮށެވެ.
ބަސް ވެއްޓެން ޖެހުނު ސަބަބެއް އަދި ނޭނގެ އެވެ. އެކަމަކު ފުލުހުންނާއި ގިނަ މީހުން ބުނެފައިވަނީ ބެލެވޭގޮތުގައި ބަސް ވެއްޓުނީ ބްރޭކް ފެއިލް ވެގެންނެވެ.
ނޭޕާލް އަކީ މަގުތަކުގެ ފެންވަރު ދަށްވުމާއި މަގުތައް ހަދާފައި ނެތުމުން ގިނަ އެކްސިޑެންޓުތައް ހިނގާ ގައުމެކެވެ.
މި ހާދިސަގައި މަރުވި މީހުންގެ އިތުރުން ގިނަ ބަޔަކަށް ސީރިއަސް އަނިޔާތަކެއްވެސް ވެފަވެ އެވެ. އެކަމަކު އަނިޔާ ލިބުނު މީހުންގެ އަދަދާއި ބަހުން ދަތުރު ކުރި މީހުންގެ އަދަދު އަދި ހާމައެއް ނުކުރެ އެވެ.
ބައެއް މީހުންނަށް އަވަސް ފަރުވާ ދޭން ޖެހޭތީ އެމީހުން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވަނީ ހެލިކޮޕްޓަރުގައި އެވެ.
އެހާ ގިނަ މީހުން އަރުވައިގެން ދަތުރު ކުރި މި ބަހަކީ ނޭޕާލްގައި ފާހަގަކުރާ ދީނީ މުނާސަބަތެއްގައި ބައިވެރިވުމަށް ފަހު އެނބުރި އެމީހުން ދިރިއުޅޭ ސަރަހައްދަށް ދިގު ދަތުރެއް ކުރަމުންދިޔަ ބަހެއް ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް