ރާއްޖޭގައި މިވަގުތު ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް 2021 ގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތަކުގެ ކުޅުން މިއަދު ކުޅޭއިރު، މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ބަންގްލަދޭޝްއާއި ނޭޕާލެވެ. މި ދެޓީމު ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗަށް މިއަދު ނިކުންނައިރު، މި މެޗުން މޮޅުވެގެން މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ދެޓީމުންކުރެ ކޮންމެ ޓީމަކަކަށް ވެސް އެބައޮތެވެ.
މި މެޗުގައި ބައްދަލުކުރާ ނޭޕާލް އަދި ބަަންގްލަދޭޝްއަށް ބަލާއިރު، މުބާރާތުގެ ފައިނަލަށް ދިއުމުގެ އެޑްވާންޓޭޖް އެންމެ ބޮޑީ ނޭޕާލަށެވެ. އެއީ މި މެޗުން މޮޅުވެގެންވެސް އަދި މެޗު އެއްވަރު ކޮށްލައިގެންވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތީ ނޭޕާލަށް ކަމަށް ވާތީއެވެ. ނޭޕާލް ވަނީ މި ފަހަރުގެ މުބާރާތުގެ މިހާތަނަށް ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ ޖުމުލަ ހަ ޕޮއިންޓް ހޯދާފައެވެ. އެގޮތުން އެ ޓީމު މިވަގުތު އޮތީ ހަ ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނާގައެވެ.
ބަނގްލަދޭޝްއަށް ބަލާއިރު އެޓީމަށް ވެސް ނޭޕާލުގެ މައްޗަށް ކުރި ހޯދައިގެން ފައިނަލަށް ދިއުމުގެ ފުރުސަތު އޮތީ ތަނަވަސްވެފައެވެ. ނަމަވެސް މިއަދު ނޭޕާލާއި ދެކޮޅަށް ކުޅޭ މެޗުން ބަންގްލަދޭޝް ޖެހޭނީ ސީދާ މޮޅެއް ހޯދާށެވެ. ބަންގްލަދޭޝްއަށް ފައިނަލުން ފުރުސަތު ލިބެން އޮތީ މި މެޗުން ނޭޕާލް ބަލިކޮށް ތިން ޕޮއިންޓް ކަށަވަރުކޮށްގެންނެވެ.
ކަން މިހެން އޮތްއިރު މި މެޗަކީ ބަލާލާ ހިއްވާ ފަދަ ފޯރި ގަދަ ކުޅުމެއް ފެނިގެން ދާނެ މެޗަކަށް ވެގެން ދާނެއެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ ސެމީފައިނަލުގެ މެޗެކެވެ.
ބަންގްލަދޭޝް
މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗާއި ހަމައަށް އައިއިރު، ބަނގްލަދޭޝްއިން ވަނީ މިހާތަނަށް ތިން މެޗު ކުޅެފައެވެ. އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ލަންކާއާއި އެކު ކުޅުނު މެޗުން އެކަންޏެވެ. ލަންކާ އަތުން 2-3 އިން މޮޅުވިއިރު، އަނެއް ދެ މެޗުގެ ތެރެއިން އިންޑިއާ އާއި ދެކޮޅަށް ކުޅުނު މެޗު 1-1 އިން ވީ އެއްވަރެވެ. ގުރޫޕުގެ ތިންވަނަ މެޗުގައި ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗުން 0-2 ގެ ނަތީޖާއިން ވަނީ ބަލިވެފައެވެ. އެހެން ކަމުން ގުރޫޕުގެ ފަހު މެޗުގައި މިއަދު ހަވީރު ނޭޕާލާއިން ދެކޮޅަށް ބަންގްލްދޭޝް ކުޅޭ މެޗަކީ މުބާރާތުގެ ފައިނަލަށް ދިއުމަށް އޮތް ހަމަ އެކަނި ފުރުސަތެވެ.
މިފަހަރުގެ މުބާރާތުގައި ބަންގްލަދޭޝް ނެރެފައިވާ ނަތީޖާތައް
ސްރީލަންކާ - ބަންގްލަދޭޝް (0-1)
އިންޑިއާ - ބަންގްލަދޭޝް (1-1)
ރާއްޖެ - ބަންގްލަދޭޝް (2-0)
ޖެހި ގޯލުގެ އަދަދު - 02 ގޯލު
ބައިކޮޅަށް ވަތް ގޯލުގެ އަދަދި - 03
ފައިދާ ގޯލުގެ އަދަދު - 01
ލިބިފައިވާ ޖުމުލަ ޕޮއިންޓްގެ އަދަދު -04
ގުރޫޕުގެ މަޤާމު - 04 ވަނަ
ނޭޕާލް
މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗާއި ހަމައަށް އައިއިރު، ނޭޕާލް ވެސް ވަނީ މިހާތަނަށް ތިން މެޗު ކުޅެފައެވެ. އޭގެތެރެއިން ދެ މެޗުން ވަނީ މޮޅުވެފައެވެ. ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އިންޑިއާއާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. އިންޑިއާއާއި ދެކޮޅަށް ކުޅުނު މެޗުން ނޭޕާލް ބަލިވީ 0-1 ގެ ނަތީޖާއިންނެވެ. މޮޅުވި ދެމެޗަށް ބަލާއިރު، ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗުން ނޭޕާލް 0-1 ގެ ނަތީޖާއިން މޮޅުވެފައިވާއިރު، ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވީ 2-3 ގެ ނަތީޖާއިންނެވެ. އެހެން ކަމުން ގުރޫޕުގެ ފަހު މެޗުގައި މިއަދު ހަވީރު ބަންގްލަދޭޝްއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ނޫނީ އެއްވަރު ކޮށްލައިގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު ނޭޕާލަށް އެބައޮތެވެ. ނަމަވެސް މި މެޗުން ބަލިވެއްޖެ ނަމަ ނޭޕާލަށް ވެސް ފައިނަލުގެ ފުރުސަތު ގެއްލޭނެއެވެ.
މިފަހަރުގެ މުބާރާތުގައި ނޭޕާލުން ނެރެފައިވާ ނަތީޖާތައް
ނޭޕާލް - ދިވެހިރާއްޖެ - (1-0)
ނޭޕާލް - ސްރީލަންކާ - (3-2)
ނޭޕާލް - އިންޑިއާ - (0-1)
ޖެހި ގޯލުގެ އަދަދު - 04 ގޯލު
ބައިކޮޅަށް ވަތް ގޯލުގެ އަދަދު - 03
ފައިދާ ގޯލުގެ އަދަދު - 01
ލިބިފައިވާ ޖުމުލަ ޕޮއިންޓްގެ އަދަދު -06
ގުރޫޕުގެ މަޤާމު - 01 ވަނަ
ނޭޕާލް އަދި ބްންގަލަދޭޝް ގެ ތާރީޚީ ކުރިމަތިލުންތައް
ނޭޕާލް އާއި ބަންގްލަދޭޝް މީގެ ކުރިން 22 ފަހަރު ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 13 މެޗުން ބަންގްލަދޭޝް މޮޅުވެފައިވާއިރު މޭޕާލް މޮޅުވެފައިވަނީ ހަތް މެޗުންނެވެ. ދެ މެޗުން ވަނީ އެއްވަރުވެފައެވެ.
މި ދެޓީމު ސާފް ޗެމްޕއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި މީގެ ކުރިން ހަތް ފަހަރު ވަނީ ބައްދަލުކޮށްފައެވެ. އޭގެތެރެއިން ބަންގްލަދޭޝް ހަތަރު މެޗުން މޮޅުވެފައިވާއިރު، ނޭޕާލް މޮޅު ވެފައިވަނީ ތިން މެޗުންނެވެ. މި ދެޓީމު އެންމެ ފަހުން ވާދަވެރި މެޗެއް ކުޅެފައިވަނީ މި އަހަރުގެ މާޗު މަހުގެ 29 ގައި ތްރީ ނޭޝަންސް ކަޕްގައެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ނޭޕާލެވެ.
ނޭޕާލް އަދި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ފެށޭނީ މިއަދު ރާއްޖޭ ގަޑިން ހަވީރު 4:00 ގައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް