އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ޝާހީ އާއިލާ އާއި ވަކިވެ ގައުމު ދޫކޮށް އަނބިމީހާ މޭގަން މާކަލް އާއިއެކު އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރި މައިގަނޑު އެއް ސަބަބު ހާމަކޮށްފި އެވެ.
ޕްރިންސް ހެރީ އާއި ގުޅޭ އެ ވާހަކަތައް ހާމަ ކުރީ ހެރީ އާއި ޕްރިންސް ވިލިއަމްގެ ހަޔާތާއި ބެހޭ ފޮތެއް ލިޔަމުން އަންނަ ކްރިސްޓޮފާ އެންޑަސަންއެވެ. އޭނާ ބުނީ ޕްރިންސް ހެރީ ބޭނުންފުޅުވަނީ އާއިލާ ކެމެރާތަކަށް ފޮރުވައިގެން ގެންގުޅޭށެވެ.
ސަބަބެއް ކަމަށް ބުނެފައިވަނީ މަންމާފުޅު ދުނިޔެ ދޫކުރަން ޖެހުނު ސަބަބު ކަމަށް ބުނެ ދައްކާ ވާހަކަ އާއި މެދު ޕްރިންސް ހެރީ އަބަދުވެސް ވިސްނާ ފިކުރު ކުރުމެވެ. ޕްރިންސް ހެރީ ވިދާޅުވެފައިވަނީ މަންމާފުޅު ޕްރިންސަސް ޑަޔާނާ އަވަހާރަވި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއްސަބަބަކީ ޕަޕަރާޒީން އެކަމަނާގެ ކާރަށް ހުރަސް އެޅުން ކަމަށް ބުނާތީ އެފަދަ ކަމެއް އޭނާގެ އަނބިމީހާ އާއި ދަރިންނަށް ކުރިމަތިވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ހެރީ މީގެ ކުރިންވެސް ވިދާޅުވެފައިވަނީ މާގިނައިން ކެމެރާތައް އޭނާ ކުރިމަތީގައި ހަރަކާތްތެރިވާން ފަށައި ނަމަ މަންމާފުޅުގެ މަރުގެ މަތިން ހަނދާންވެ ބިރު ގަންނަ ކަމަށެވެ.
ޕްރިންސް ހެރީ ބުނީ ޝާހީ އާއިލާ ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރީ މީޑިއާގެ ޕްރެޝަރު ދިރިއުޅުމަށް ވަރަށް ބޮޑަށް ކުރަމުންދާތީ ކަމަށެވެ. އެގޮތުން މޭގަންއަށް އެކި ކަންކަމުގައި ފާޑުކިޔުމާއި ދެމަފިރިންގެ ދިރިއުޅުމުގެ އަމިއްލަ ކަންކަމަށް ފާރަލައި އެކަންކަމާއި ގުޅޭ ރަނގަޅު ނޫން މައުލޫމާތުތައް ފެތުރުމަކީ ހިތްހަމަ ޖެހޭ ކަމެއް ނޫން ކަމަށެވެ.
އަދި ދެމަފިރިން ނިންމާފައިވަނީ ލިބިފައިވާ ދަރިންވެސް ކެމެރާތަކަށް ނުފެންނާނެހެން ގެންގުޅެ އާންމު ދިރިއުޅުމެއް ހޯދައި ދިނުން ކަމަށެވެ. އަދި އެފަދަ ދިރިއުޅުމެއް ހޯދައި ނުދެވިއްޖެ ނަމަ އެކުދިންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ކަމަށް ޕްރިންސް ހެރީ ގަބޫލު ކުރައްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް