ސިޓީ ކައުންސިލް މެމްބަރުންގެ މުސާރަ ކުޑަކުރަން އިއްޔެ ނިންމާފައިވާއިރު މި އަމަލަކީ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމުގެގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހިންގި ޢަމަލެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ މިކަން ކުށްވެރިކޮށް ރޭ ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ސިޓީ ކައުންސިލުތަކުގެ މެމްބަރުންނަށް ފާޅުގައި ޖެއްސުންކުރުމުގެ ގޮތުން ސަރުކާރުގެ އަޣްލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން ސިޓީ ކައުންސިލުތަކުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް އިންތިހާއަށް ކުޑަކުރުމަށް އިއްޔެ ފާސްކޮށްފައިވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.
"މިގޮތަށް ސިޓީ ކައުންސިލުތަކުގެ މޭޔަރާއި ޑެޕިޔުޓީ މޭޔަރާއި އަދި އެ ކައުންސިލުތަކުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް އެއްވެސް މިންގަނޑަކަށް ނުފެތޭގޮތަށް ކުއްލިޔަކަށް ކުޑަކުރުމުން، އިންތިޚާބުވުމަކާ ނުލައި ސަރުކާރުން އައްޔަނުކުރާ ކޯޑިނޭޓަރަކަށް ލިބޭ މުސާރައަށްވުރެ ކުޑަވެގެންދާކަން ފާހަގަކުރަން، އަދި އެއީ އެމް.ޑީ.ޕީ ގެ އަޣުލަބިއްޔަތު އޮންނަ ސިޓީ ކައުންސިލުތަކަކަށްވީތީ ސަރުކާރުން ހިންގި ޖެއްސުމުގެ ޢަމަލަކަށްވުމުގެ އިތުރުން، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމުގެގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހިންގި ޢަމަލެއް" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިޓީ ކައުންސިލުތަކާއި އެނޫން ވެސް ކައުންސިލުތަކުގެ ބާރުތައް ސަރުކާރުން ތަކުރާރުކޮށް ނަގަމުން ގޮސް، އަދި އެ ކައުންސިލުތަކަށް ކަނޑައެޅިފައިވާ ބަޖެޓް ތާށިކުރަމުން ދިއުމުގެ އިތުރުން ރައްޔިތުން އިންތިޚާބުކޮށްފައިވާ ސިޓީ ކައުންސިލުތަކުގެ މެމްބަރުންގެ މުސާރަ މިހާރު އެއްވެސް މިންގަނޑަކަށް ނުފެތޭގޮތަށް އިންތިހާއަށް ކުޑަކޮށްފައިވަނީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ މުޙިއްމުކަން ކުޑަކުރުމުގެ ގޮތުންނާއި ކައުންސިލުތަކުގެ މުހިއްމުކަން ކަނޑުވާލުމުގެ ގޮތުންކަން ފާހަގަކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް