ބަންކަރިންގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ވެ ނިމިފައިވާކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއީ) މުހައްމަދު ވަޖީހް ވިދާޅުވެއްޖެއެވެ.
ސީއީއޯ މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މާތް ﷲ އަށް ހަމްދުކުރާ ހާލު، ސީއީއޯ ވަޖީހު ވިދާޅުވެފައިވަނީ އިހަވަންދިއްޕޮޅުގައި އޮފުޝޯ ބަންކަރިން ފެށުމަށްޓަކައި، ބަންކަރިންގ 2 ބޯޓާއި ޓަޖު ބޯޓު އަދި ޕައިލެޓު ބޯޓު އިހަވަން ދިއްޕޮޅަށް ގެންގޮސް ނިމިފައިވާކަމަށާއި އަދި މިފަދަ އިންޓަނޭޝަނަލް ޚިދުމަތެއް ދިމުގައި ހުންނަންޖެހޭ ޝަރުތު، ކަމަށްވާ، އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް” ގޭޓު) ވެސް ގާއިމް ކޮށް ނިމި، ބަންކަރިންގ ޚިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ ނިމިފައިވާކަމަށެވެ.
"ޝުކުރިއްޔާ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަނިކުފާނުގެ ވެރިކަމުގެ ވަރަށް ކުރީ ކޮޅު ތިޔަ ފަށްޓަވައި ދެއްވަވަނީ، މިގައުމުގެ އިގުތިސާދަށް ބޮޑު، އިންގިލާބީ ހެޔޮ ބަދަލް ތަކެއް ގެނެސް ދޭނެ ޚިދުމަތެއް، މިއީ މިގައުމުގައި ކުރަން ޖެހި، އެހެނަސް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ނުކުރެވި އޮތްކަމެއް، މަނިކުފާނުގެ ދުރު ވިސްނުން ފުޅަށާއި ޙިކުމަތްތެރި ކަމަށް އަޅުގަޑުމެން ޝުކުރު ދަންނަވަމު" ސީއީއޯ ވަޖީހު ވިދާޅުވެފައިވެއެވެ.
ސީއީއޯ ވަޖީހު ވިދާޅުވެފައިވަނީ ބަންކަރިންގ ޚިދުމަތާއި އެކު އިންޓަރނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ޚިދުމަތްތަކެއް ފޯރު ކޮށްދޭން ފެށޭނެކަމަށާއި މިކަމުގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނި ތަކަށާއި، އަމިއްލަ ކުންފުނި ތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތު ތައް ފަހި ވެގެން ދާނެކަމަށެވެ.
ރާއްޖޭގެ އުތުރުގައި މިފެށޭ ބަންކަރިންގ ޚިދުމަތާއި އެކު އެސަރަޙައްދުން ފޯރު ކޮށްދިނުމަށް ތައްޔާރު ވެފައިވާ މެރިޓައިމް ދާއިރާގެ އެހެނިހެން ޚިދުމަތްތައް ސާފު ވާނޭ ހެން މިކަމަށްވަނީ ޚާއްސަ ވެބުސައިޓެއް ވެސް ތައްޔާރު ކޮށްފައެވެ.
އެއީ ums.mv އުތުރު މެރިޓައިމް ސާވިސަސް އެވެ.
ސީއީއޯ އިތުރަށް ވިދާޅުވެފައިވާގޮތުގައި އިރާދަ ކުރެއްވިއްޔާ، މި ޕޮރޮޖެކްޓުގެ ދެ ވަނަ ފޭސް އެއްގެ ގޮތުގައި، އޮއިލް ޓާމިނަލް އާއި، އޮއިލް ޓޭންކު ތައް މިސަރަހައްދުގައި ގާއިމް ކުރުމުގެ މަސައްކަތް ވެސް ފެށިގެން ދާނެއެވެ.
https://www.facebook.com/mohamed.wajeeh.9/posts/pfbid0JXQZiaMZbzXAxdKH3T1qfdkjJiFT8t4JebSFyxH3vxk49KUnTszk3Po5k9ymetTil
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް