ޣައްޒާގެ ސްކޫލަކަށް ހަމަލާދީ 18 މީހަކު ޝަހީދުކޮށްލައިފި – 24 ގަޑިއިރުގެ ތެރޭގައި ޝަހީދުކޮށްލި އަދަދު 40 އަށް

އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުން ޢައްޒާގެ ސްކޫލަކަށް އަމާޒުކޮށް އިއްޔެ ދިން ހަމަލާއެއްގައި 18 މީހަކު ޝަހީދުކޮށްލައިފިއެވެ. އެ ހަމަލާ ދީފައިވަނީ ޣައްޒާގެ ނުސެއިރަތު ސަރަހައްދުގައި އދ އިން ހިންގަމުން އަ...

13 Sep 2024 | 06:33

އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުން ޢައްޒާގެ ސްކޫލަކަށް އަމާޒުކޮށް އިއްޔެ ދިން ހަމަލާއެއްގައި 18 މީހަކު ޝަހީދުކޮށްލައިފިއެވެ.

އެ ހަމަލާ ދީފައިވަނީ ޣައްޒާގެ ނުސެއިރަތު ސަރަހައްދުގައި އދ އިން ހިންގަމުން އަންނަ ސްކޫލެއްގައެވެ. އެ ސްކޫލަކީ ޣައްޒާގައި ވިއްސިވިހާލިވެފައިވާ އާއިލާތަކުން ދިރިއުޅެމުން އަންނަ ތަނެކެވެ. އެތަނުގެ އިންތިޒާމުތައް މިހާރު ބަލަހައްޓަމުން އަންނަނީ ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ ޔުނައިޓެންޑް ނޭޝަންސް ރިލީފް އެންޑް ވޯކް އޭޖެންސީ (UNRWA) އިންނެވެ. ހަމަލާގައި އެ ޖަމިއްޔާއަށް ނިސްބަތްވާ ބައެއް މުވައްޒަފުންވެސް ޝަހީދުވެފައިވެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން މި ހަމަލާވެސް ކުށްވެރިކުރަމުން އަންނައިރު އިސްރާއީލުން ބުނެފައިވަނީ އެ ސްކޫލަށް ހަމަލާދިނީ ހަމާސް އަށް ނިސްބަތްވާ ބަޔަކު އެތާނގައި ފިލާތިބި ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާތީ ކަމަށެވެ.

މިއީ UNRWA އިން ހިންގަމުން އަންނަ މިފަދަ ސްކޫލުތަކަށް އަމާޒުކޮށްވެސް އިސްރާއީލުން ދިން ފަސްވަނަ ހަމަލާއެވެ.

މި ހަމަލާގައި އެކަނި 18 މީހަކު ޝަހީދުވެފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއަށް އަމާޒުކޮށް އިސްރާއީލުން ދީފައިވާ އެކި އެކި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެވެ.

ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ހުއްޓުމެއްނެތި ހަމަލާތައް ދެމުން އަންނަތާ މިއަދަށް 342 ދުވަސް ވެފައިވާއިރު ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން ޝަހީދުވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 41،118 އަށް އަރާފައެވެ. ޒަޚަމްވެފައިވާ މީހުންގެ އަދަދުވަނީ 95،125 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް