ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ބޮޑުކުރި މުސާރައާއި ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ސޯލިހް ބޮޑެތި ނިންމުންތަކެއް ނިންމަވައިފިއެވެ.
އެގޮތުން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް އެޓެންޑަންސް އެލަވަންސް ނުލިބޭގޮތަށް އޮތް އޮތުން ބަދަލުކޮށް އެ އެލަވަންސް ލިބޭގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ލިބިފައިވާ ޕެޓިޝަން ދިރާސާ ކުރެއްވުމަށްފަހު، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ ނަރުހުންނަށް އެޓެންޑަންސް އެލަވަންސް ލިބޭނެގޮތް ހަމަޖެއްސެވުމާއި ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ ނަން-ކްލިނިކަލް ނަރުހުން، ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުމަށްވެސް ނިންމަވާފައިވެއެވެ. އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އައު އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިން ތިބި މަގާމުގައި ބޭތިއްބުމަށްވެސް މިއަދު ނިންމެވިއެވެ.
ހަމައެއާއެކު 2018ގައި ކިޔެވުމަށް ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިއަޑް 2026 އަށް އިތުރުކުރުމަށާއި، އައު އޮނިގަނޑަށް ހިޖުރަކުރުމުގައި މައްސަލަ ދިމާވެފައިވާކަމަށް ފާހަގަވެފައިވާ ނުވަ ނަރުހުންގެ މައްސަލަ ހައްލުކުރުމަށްވެސް ނިންމެވިއެވެ. އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އައު އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިން ތިބި މަގާމުގައި ބޭތިއްބުމަށް އުސޫލަށް ގެންނަންޖެހޭ ބަދަލު ޕޭ ކޮމިޝަނުން ގެންނެވުމުން އެ ނަރުހުންނަށް އިތުރަށް ކިޔެވުމަށް ޝަރުތު ކުރުމަށްފަހު ކުރިން ތިބި މަގާމަށް ބަދަލުކުރުމަށްވެސް ނިންމެވިއެވެ.
މީގެ އިތުރުން 1 މޭ 2022 ގައި އަމަލުކުރަން ފަށާފައިވާ ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތްދެވޭނެ މިންގަނޑާ ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 862 ބޭފުޅުން ސޮއިކޮށް ހުށަހަޅުއްވާފައިވާ ޕެޓިޝަން ދިރާސާކުރައްވައި ދައުލަތުގެ ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑުގެ ހަތްވަނަ މާއްދާގެ (ހ)ގައި އެއްވެސް މުވައްޒަފެއް ދައުލަތުގެ ޕޭ ފްރޭމްވާކަށް ހިޖުރަކުރާ ތާރީހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދޭންޖެހޭނަމަ އެ މުވައްޒަފަކަށް ލިބޭނެ އިނާޔަތް އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަމަށް ބަޔާންކޮށްފައިވާތީ އެ މާއްދާގައި ބަޔާންކުރާ މުއްދަތު 2024 ގެ ޖަނަވަރީގެ ނިޔަލަށް އިތުރުކޮށްދެއްވުމަށްވެސް ރައީސް ނިންމެވިއެވެ.
މި ބަދަލުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުމަށް ނޭޝަނަލް ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވާފައިވާކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ދުވަހަށް މައުލޫމާތުދެއްވިއެވެ.
މި ނިންމެވުންތަކާއެކު ނަރުހުންނާއި، ޑަކްޓަރުންނާއި އަދި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަންވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް