ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި ދައުރުކުރަމުން އަންނަނީ ފޭކު ބަޔާނެއްގައި ކަމުގައި ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން ބުނެފިއެވެ.
އެގޮތުން އެ ކޯލީޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި ދައުރުކުރަމުންދާ ބަޔާނަކީ އަސްލުބަޔާނެއް ނޫން ކަމަށާއި އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށެވެ.
ސޯޝަލް މީޑިއާގައި ޕީޕީއެމްގެ ލެޓަހެޑެއްގައި ދައުރުކުރަމުން އަންނަ ބަޔާނެއްގައި ބުނަނީ ޑރ. މުއިއްޒާއި ކާނަލް ނާޖިމާއި ގުޅިގެން އެކުލަވާލާ ސަރުކާރެއްގައި ރައީސް ޔާމީން ޖަލުން މިނިވަން ނުކޮށް ބޭއްވުމަށް އެ ދެބޭފުޅުން އެއްބަސްވެލައްވާކަމަށެވެ.
"ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި ދައުރުކުރަމުންދާ ބަޔާނަކީ މިކޯލިޝަނުން ނެރެފައިވާ ބަޔާނެއް ނޫން ކަމަށާއި އެއީ ބަޔަކު މީހުން ހަދާފައިވާ އެއްޗެއް ކަމުގައި ދަންނަވަމެވެ. މިއީ ރިޔާސީ އިންތިޚާބުން ބަލިވާނެކަން ކަށަވަރުވުމުން ރައްޔިތުންގެ ހިތްތަކުގައި ޚާއްސަކޮށް މި ކޯލިޝަނަށް ތާއީދުކުރާ މީހުންގެ ހިތްތަކުގައި ޝައްކު އުފައްދާ އޮޅުވާލުމަށް ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެކެވެ." ޕީޕީއެމް ޕީއެންސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި އެންމެ ފުރަތަމަވެސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާނެ ކަމަކީ ޤާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީން މިނިވަންކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް