ސައްހަ އަދި ބާތިލް ވޯޓު ކަނޑައެޅުމުގައި އެކި މަރުކަޒުގައި އަމަލު ކޮށްފައި ވަނީ އެކި މިންގަނޑުތަކަށް ކަމަށާއި ބައެއް މަރުކަޒުގައި ފަވާލާފައިވާ ހެޔޮ ފާހަގައާއި ސީދަލަށް ދެމިފައި ނުވާ ހެޔޮ ފާހަގަތައް، އެއް ފާހަގަޔަށް ވުރެ ގިނަ ފާހަގަ ކަމަށް ކަނޑައަޅާ، ވޯޓު ބާތިލު ކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކަންކަން ހިނގާދިޔަ ގޮތް ބެލުމަށްފަހު އެޗްއާރްސީއެމްއިން ވަނީ ޕްރެސް ކޮންފަރެންސް އެއް ބާއްވާފައެވެ.
އެ ބައްދަލުވުމުގައި އެޗްއާރްސީއެމް އިން ބުނީ، މިފަހަރުގެ އިންތިހާބުގައި ބާތިލު ވޯޓު ގިނަވުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ބައެއް ވޯޓު ބާތިލު ކުރި ގޮތާމެދު ކަމްބޮޑުވުން ފާޅުކޮށް، އެކަމަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނަށް ލަފާ ދީފައި ވާނެ ކަމަށް އެޗްއާރްސީއެމްއިން މައުލޫޟާތު ދެއެވެ.
އެ ކޮމިޝަނުން ވަނީ މާލެ ސަރަހައްދުގެ އިތުރުން16 ރަށެއްގ24ެ ރަށެއްގައި 102 އޮބްޒަރވަރުންނާއެކު އިންތިހާބު އިބްޒަރވް ކޮށްފައެވެ.
އެގޮތުން އެ ކޮމިޝަނުން ފާހަގަ ކުރި ކަންތައްތަކުގެ ތެރޭގައި، ގިނަ މަރުކަޒުތަކަށް އޮފިޝަލުން ގަޑިއަށް ހާޒިރުވި ކަމަށާއި ބޭނުންވާ އަދަދަށް އޮފިޝަލުން ހަމަޖައްސާފައިވުން ހިމެނެއެވެ.
އެޗްއާރްސީއެމްއިން ބުނީ، ވޯޓުލީ %38 މަރުކަޒަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަދެވޭ ގޮތަށް ހުރި ތަންތަން ނޫން ކަމަށާއި %7 މަރުކަޒުގައި ވޯޓު ފޮށި ބެހެއްޓިފަ ހުރީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެންމީހުންނާ ނުލާ ވޯޓު ލެވޭ ގޮތަށް ނޫން ކަމަށެވެ.
އޭގެ އިތުރުން%5 މަރުކަޒުގައި ވޯޓު ފޮށި ބެހެއްޓިފައިވާ ސަރަހައްދު ރަނގަޅަށް ފާހަގަ ނުވާކަން، މާލެ ސަރަހައްދުންވެސް ފާހަގާ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.
ވޯޓުލާ ބޫތު ހުރި ގޮތުން%12 މަރުކަޒުގައި ވޯޓުގެ ސިއްރުކަން ކަށަވަރު ވެފައި ނުވާކަން އެޗްއާރްސީއެމްއިން ފާހަގަ ކުރިއެވެ.
އެގޮތުން، ވޯޓުލާ މަރުކަޒުގެ ޖާގަ ކުޑަވުމާއި، ބޫތު ބަހައްޓާފައި ހުރި ގޮތުގެ ސަބަބުން އޮބްޒާވަރުންނާއި މަންދޫބުންނާއި އަދި މޮނިޓަރުންގެ އިތުރުން ބައެއް މަރުކަޒުތަކުގައި ވޯޓުލާން ގޮސް ތިބޭ އާއްމުންނަށްވެސް ފާހަގަ ޖަހާތަން ފެނިފައިވާ ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ.
ވޯޓު ބޫތު ބެހެއްޓިފައި ހުރި ގޮތުން ފޮޓޯއާއި ވީޑިއޯ ނެގޭ ގޮތަށް މަގުފަހިވާކަން ފާހަގަކޮށް އެޗްއާރްސީއެމްއިން ބުނީ އެއީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށެވެ. ނަމަވެސް ވޯޓުލާ މީހާ، ވޯޓު ފޮރުވަން އުޅެން ޖެހުމަކީ ކޮންމެވެސް ބަދަލުތަކެއް ގެނެވި، ރަނގަޅު ކުރެވިދާނެ ކަމެއް ކަމަށް އެ ކޮމިޝަނުން ފާހަގަ ކުރިއެވެ.
އޭގެ އިތުރުން އެޗްއާރްސީއެމްއިން ފާހަގަ ކުރި ބައެއް ކަންތައްތަކުގެ ތެރޭގައި:-
- ބައެއް އޮފިޝަލުންނަށް އިންތިޒާމުތައް ރަނގަޅަށް ނޭނގޭ. އޭގެ ސަބަބުން އެކި މަރުކަޒުގައި ކަންތައް ކޮށްފައި ވަނީ އެކި ގޮތަށް
- ވޯޓު ލުމަށްފަހު ބައެއް މަރުކަޒުގައި ކަނާއަތުގެ އިނގިލީގައި ފާހަގަ ޖަހާފައިވޭ
- ވޯޓުލާން ފެށުމުގެ ކުރިން ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ބައެއް މަރުކަޒުގައި ރަނގަޅަށް ހަމަޖައްސާފައި ނުވޭ
- 15 މަރުކަޒެއްގެ27 މީހަކަށް ވޯޓު ލާން ގޮސް ފުރުސަތު ލިބިފައި ނުވޭ. އެއީ އައިޑީ ކާޑުގެ މުއްދަތު ހަމަވުމާއި ލިޔެކިޔުމެއް ނެތުން އަދި ކިއު ބަންދުކުރި ފަހުން ވޯޓުލާން ދިއުމުން
- 51% މަރުކަޒެއްގައި އޮބްޒާވަރުންނާ މޮނިޓަރުންނާ އަދި ކެނޑިޑޭޓުންގެ މަންދޫބުން މުވާސަލާތު ކުރުމަށް ފޯނު ބޭނުން ކުރި
- 18% މަރުކަޒުގައި މޮނިޓަރުން ވޯޓު ބޫތާ10 ފޫޓް ކައިރިން ފޮޓޯ ނަގާފައި ވާއިރު، ބައެއް އޮފިޝަލުން އެކަން ހުއްޓުވާފަ ނުވޭ
މީގެ އިތުރުން އެޗްއާރްސީއެމްއިން ބުނީ، ހަމަނުޖެހުން އުފެދިގެން ވޯޓުލުން މެދުކަނޑާލާފައި ވަނީ އެންމެ ފޮއްޓެއްގައި ކަމަށެވެ. އެހެންކަމުން ވަރަށް އަމާން އޮމާން ކަމާއެކީގައި ހިނގާދިޔަ އިންތިހާބެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ޖުމުލަކޮށް ވޯޓު ލުމުގެ އިންތިޒާމުތައް ހިނގާދިޔައީ ރަނގަޅަށްކަން ފާހަގަކޮށް އެޗްއާރްސީއެމް އިން ވަނީ އީސީއަށް ތައުރީފު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް