ލީބިޔާގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ޑެރްނާގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 2000 އިން މައްޗަށް އަރައިފިއެވެ.
ލީބިޔާގެ އިރުމަތީ ޕާލަމެންޓަށް ތާއީދުކުރާ ސަރުކާރުގެ ވެރިޔާ އުސާމާ ހައްމާދުއާ ހަވާލާދީ ލީބިޔާގެ ނިއުސް އެޖެންސީ (ލާނާ) އިން ބުނީ އިތުރު އެތައް ހާސް ބަޔަކު ގެއްލިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ހައްމާދު އިތުރަށް ވިދާޅުވީ ޑެރްނާގައި ފެންބޮޑުވުމުގެ ސަބަބުން މީހުން ދިރިއުޅޭ މުޅި ބްލޮކްތައް ފުނޑުފުނޑުވެގެން ދިޔަ ކަމަށެވެ.
ލީބިޔާގެ ޓްރިޕޮލީގައި ހުންނަ އެއްބައިވަންތަކަމުގެ ސަރުކާރުގެ ވެރިޔާ އަބްދުލް ހާމިދު ދުބޭބެ ވަނީ ތޫފާނާއި ފެންބޮޑުވުމުގެ ސަބަބުން ކުރިމަތިވި ހުރިހާ ސަރަހައްދަކީ "ކާރިސާގެ ސަރަހައްދުތަކެއް" ގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
އުތުރު އެފްރިކާގެ އެ ގައުމަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ގައުމީ ހިތާމައިގެ ތިން ދުވަހުގެ މުއްދަތެއް ދިނުމަށް ވެސް ދެބީބެހް ވަނީ އިއުލާނު ކުރައްވާފަ އެވެ.
ލީބިޔާގެ އިރުމަތީގެ ބައެއް ސަރަހައްދުތަކަށް އާދީއްތަ ދުވަހު ތޫފާން ޑެނިއަލް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި ބެންގާޒީ، ބައިދާ އަދި އަލް މަރްޖްގެ އިތުރުން ސޫސާ އާއި ޑެރްނާ ހިމެނޭ ކަމަށް އެ ދާއިރާގައި ހަރަކާތްތެރިވާ އަނަޑޯލޫ ރިޕޯޓަރަކު ބުންޏެވެ.
މި ހަލާކު އެންމެ ބޮޑަށް ފެންނަނީ ހަލަބޮލިކަމުގެ ސަބަބުން އުމްރާނީ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނެތް ސިޓީއެއް ކަމަށްވާ ޑެރްނާގަ އެވެ. ލީބިޔާގެ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ ގަވަރމަންޓް އޮފް ނޭޝަނަލް އެކޯޑް (ޖީ.އެން.އޭ)ގެ އިރުމަތީގައި އެއް ސަރުކާރާއި ހުޅަނގުން އެއް ސަރުކާރު، ވާދަވެރި ދެ ސަރުކާރެއްގެ މެދުގައި ލީބިޔާ އަދިވެސް އޮތީ ބައިބައިވެފައެވެ.
އެގައުމުގެ މީޑިއާތަކުން ބުނެފައި ވަނީ ޑެރްނާގައި ކަރަންޓާއި މުވާސަލާތީ އެއްވެސް ކަމެއް ނެތި ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ.
އިރުމަތީ ލީބިޔާ ސަރުކާރުގެ ދާޚިލީ ވަޒީރު އީސާމް އަބޫ ޒޭރިބާ ވިދާޅުވީ ޑެރްނާއިން 5،000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދާ ދިމާލަށް އޮޔާ ގޮސްފަ އެވެ.
"ހާލަތު ވަރަށް ހިތާމަވެރި،" ސައުދީ ހިއްސާވާ ސެޓެލައިޓް ނިއުސް ޗެނަލް އަލް އަރަބިއްޔާއަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ. އަދި އެ ސިޓީއަށް އެހީވުމަށް ލޯކަލް އަދި ބައިނަލްއަގްވާމީ އިދާރާތަކުން އަވަސްވެގަތުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ލީބިޔާގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ ކުޑަ ވާދީ ދޭރްނާގެ ޑެލްޓާގައި އޮންނަ އެ ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ސިޓީގެ ބޮޑު ބައެއް ހަލާކުވުމާ ގުޅިގެން ހައްމާދު ވަނީ ޑެރްނާ އަކީ ޑިޒާސްޓާ ޒޯނެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
ލީބިޔާގެ ސަރުކާރުން ހޮނިހިރު ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކްލާސްތައް މެދުކަނޑާލީ ރޭގަނޑު އެރި ތޫފާނުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ތޫފާން ޑެނިއަލް އަންނަ ހޯމަ ދުވަހު މިސްރުގެ ހުޅަނގުގެ ބައެއް ސަރަހައްދުތަކަށް އަންނާނެ ކަމަށް ލަފާކުރެވޭއިރު، އެ ގައުމުގެ މޫސުމާ ބެހޭ އިދާރާތަކުން ވަނީ ވިއްސާރަކޮށް މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް