މި އަހަރުގެ މޭ މަހުގެ ތެރޭގައި ސ. މަރަދޫފޭދޫ، ބްލޫސްޓަރ، ޙުސައިން މަވާޒު، 31، އޭނާގެ ބޭބެ ސ.މަރަދޫފޭދޫ ، ބްލޫސްޓާރ، އަޙްމަދު ޝުޢައިބު (27އ) އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން ނިޔާވި މައްސަލައިގައި މަވާޒުގެ މައްޗަށް ކުށް ސާބިތުވެ،12 އަހަރަށް ޖަލަށް ލުމަށް ކަނޑައަޅައިފިއެވެ.
ޝުޢައިބު ނިޔާވީ އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް، ޖޫން1 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި، މަވާޒުގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 110 ވަނަ މާއްދާގެ ދަށުން އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޖުލައި20 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި މަވާޒު އިޢުތިރާފުވެފައިވާތީ އޭނާއާއި ޕީޖީ އޮފީހާ ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ހަދާފައި ވާނެ ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި، މަވާޒުގެ މައްޗަށްކުރާ ދަޢުވާއަށް ޢިޢުތިރާފުވެ، ޝަރީޢަތުން އިޢުތިރާފުގެ ޞައްޙަކަން ކަށަވަރުކޮށް، މި ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ.
އަދި މިއަދު ބޭއްވުނު އަޑުއެހުމުގައި މަވާޒުގެ މައްޗަށް ވަނީ އަދަބު ކަނޑައަޅާފައެވެ.އަދަބު ކަނޑައަޅާފައި ވަނީ ޕީޖީ އޮފީހާއި މަވާޒާ ދެމެދު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުން ކޯޓަށް ބަލައިގަނެ، އެ އެއްބަސްވުމުގައިވާގޮތަށެވެ.
އެނގިހުރެ މީހަކު މެރުމުގެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ. އަދި ފަރުވާލެއްނެތް އަނިޔާވެރިކަމެއް ދެއްކުމުން ޤާނޫނުލްޢުޤޫބާތުގެ 1103 ވަނަ މާއްދާގެ ދަށުން އަސާސީ މިންގަނޑުން 1 ދަރަޖަ މަތިކުރުމުން އޭނާގެ މައްޗަށް 12 އަހަރާއި 6 މަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ނަމަވެސް ތަޙުޤީޤު އަދި ޝަރީޢަތް ނިމެންދެން ބަންދުގައި ހޭދަކުރި މުއްދަތު (74 ދުވަސް) އުނިކުރުމުން އޭނާގެ މައްޗަށް އަންނާނެ ހުކުމަކީ 12 އަހަރާއި 3 މަހާއި 18 ދުވަހަށް ޖަލުގައި ބަންދުކުރުން ކަމަށް ޕީޖީން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް