ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އުމަރު ނަސީރު އެއްވެސް ކޮޅެއް ނުންނަގަވާނެކަމުގެ އިޝާރާތެއް ކުރައްވައިފިއެވެ.
މި އިޝާރާތް ކުރެއްވީ ޓްވިޓާގައި މީހަކު ކުރި ޓްވީޓެއް ރީޓްވީޓް ކުރެއްވުމުންނެވެ.
ޝިފާ ނަމުގައި ހިންގަމުން އަންނަ ޓްވިޓާ ހޭންޑަލަކުން ބުނެފައިވަނީ ދެވަނަ ބުރެއްގައި އެއްވެސް ކޮޅެއް ނުނަންގަވާނެކަމުގައި އިންޓަވިއުއެއްގައި އުމަރު ވިދާޅުވިކަމަށެވެ. އުމަރު އެ ޓްވީޓް ރީޓްވީޓް ކުރެއްވުމަކީ އެކަމަށް ބާރުލިބޭ ކަމެއްކަމުގައި ބެލެވެއެވެ. މިކަމުގައި އުމަރުގެ ކޮމެންޓެއް ހޯދާލަން ކުރި މަސައްކަތް، އުމަރު ފޯނު ނުނަންގަވާތީ ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.
ފުރަތަމަ ބުރުގައި ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އުމަރު ނަސީރެވެ. އެއީ 6،343 ވޯޓެވެ. އުމަރު އެ ނަތީޖާ ހޯއްދެވީ "ދަ ކިންގް މޭކަރ" ގާސިމްވެސް ބަލިކުރެއްވުމަށްފަހުގައެވެ.
ދެވަނަ ބުރެއްގައި ވާދަކުރަނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި އެމްޑީޕީގެ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިވަގުތު ދެބޭފުޅުންވެސް ގެންދަވަނީ ކޯލީޝަން ފުޅާކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް