ރައީސް މުހައްމަދު ނަޝީދުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަން ދޭހަވާ މޭރުމަކުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭވެސް ގަދަބަސް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މި މޭރުމުން ވާހަކަފުޅު ދެއްކެވީ އެމްޑީޕީން ދަނޑިކޮށި ޖަގަހައިގާ މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފައްޔާޒް ވިދާޅުވީ ކުޑަކަކޫ ޖަހާނީ ހަމައެކަނި ހެއްދެވި ފަރާތަށް ކަމަށާއި އެހެން ކުޑަކަކޫ ޖަހާނެ އެހެން އެއްވެސް ފަރާތެއް ނެތް ކަމަށެވެ.
ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު ދެވަނަ ބުރުގައި އެއްގަލަކަށް އެރުމާއިމެދު މަޝްވަރާ ކުރާނީވެސް މާފަށް އެދުމުން ކަމުގައި ދަ ޑިމޮކްރެޓްސްއިން މިއަދު ބުނެފައިވެއެވެ.
ފައްޔާޒް ވިދާޅުވީ ހަގީގަތުގައިވެސް މާފަށް އެދެން ޖެހިއްޖެ ހާލަތެއްގައި މާފަށް އެދެން ޖެހިލުން ނުވާނެ ކަމަށެވެ.
އެމްޑީޕީގެ ލޯގޯއަށް އިޝާރާތް ކުރައްވާ ފައްޔާޒް އިތުރަށް ވިދާޅުވީ ގައުމު އަނިޔާވެރިކަމުން ސަލާމަތް ކުރާނީ އަބަދުވެސް އެމްޑީޕީގެ އެ ލޯގޯ އާއި އެމްޑީޕީ ކަމަށާއި އެއީ އެ ޕާޓީގައި އޭރަކު އުޅުނު މީހަކު އަދި އެހެން މީހަކު ކުރާ ކަމެއް ނޫން ކަމަށެވެ. އެއީ އެ ޕާޓީން ކުރާނެ ކަމެއް ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބެވެ. އޭނާއަށް 15 ހާހެއްހާ ވޯޓު ލިބުނު އިރު އެންމެ ގިނައިން ވޯޓު ހޯއްދެވި ޑރ. މުހައްމަދު މުއިއްޒަށް ލިބިލެއްވި ވޯޓާ ހަމަކުރަން ރައީސް ސޯލިހަށް މަދުވަނީވެސް ގާތްގަނޑަކަށް 15 ހާހެއްހާ ވޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް