ވެރިކަން ލިބުނު ނަމަވެސް މި ސަރުކާރުން ދީފައިވާ އެއްވެސް މީހަކަށް ދީފައި އޮތް ގޯއްޗެއް އަދި ވަޒީފާއެއްވެސް ނާތުލާނެ ކަމަށާއި ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓުވައި ކުރިއަށް ގެންދަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރޭ ހުޅުމާލޭ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މުއިއްޒު ވިދާޅުވީ، ހުޅުމާލޭ ފަޅުތެރެއިން ޖާގަ ހުސްކުރުމަށްފަހު އެތަން ހިއްކައި، މާސްޓަރ ފްލޭނަށް ގެންނަން ޖެހޭ ބަދަލު ގެނެސް، ހަމަ އެތަނުން ދޭން ނިންމި ގޯތިތައް، ދޭން ނިންމިތަނުން ދޫކުރާނެ ކަމަށެވެ.
"އެއްވެސް މީހަކަށް ލިބޭ ގޯއްޗެއް، އެއްވެސް މީހަކަށް ދީފަ އޮތް ވަޒީފާއެއް، އެއީ ސިޔާސީ ވަޒީފާއެއް ކަމުގަ ނުވާހާ ހިނދަކު އަޅުގަނޑުމެންނެއް ނާތުލާނަން. އަދިވެސް ތަކުރާރު މި ކުރަނީ. އެއްވެއް މީހަކަށް ލިބިފަ އޮތް އެއްވެސް ކަމެއް، އެއީ ގޯއްޗެއް ކަމުގަ ވިޔަސް ވަޒީފާއެއް ކަމުގަ ވިޔަސް އަޅުގަނޑުމެންނެއް އަނބުރައެއް ނާތުލާނަން" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފެށިފައިވާ އެއްވެސް މަޝްރޫއުއެއް ނުހުއްޓުވާނެ ކަމަށާއި އެ މަސައްކަތްތައް ބާރު މިނުގައި ކުރިއަށް ގެންގޮސް ނިންމައިދޭނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައިވެސް މި ވާހަކަތައް ދައްކާފައިވާނެ ކަމަށާއި ނަމަވެސް ދެވަނަ ބުރުގެ ކެމްޕޭން ފެށުމާއެކު އެ ވާހަކަތައް އަލުން ހަނދާން އާކޮށްދިނީ ކަމަށެވެ.
ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ވަރަށް ސަމާލުކަން ދީގެން ރައްޔިތުންގެ އުންމީދުތައް ފުރިހަމަޔަށް ހާސިލު ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް