ދިވެހިންގެ ކުރިމަތީގައި އެންމެ އަގު ބޮޑު ރައުސްމާލަކީ ރާއްޖޭގެ މިނިވަންކަން: ރައީސް ސާލިހު

ދިވެހިންގެ ކުރިމަތީގައި އެންމެ އަގު ބޮޑު ރައުސްމާލަކީ ރާއްޖޭގެ މިނިވަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ...

13 Sep 2022 | 18:01

ދިވެހިންގެ ކުރިމަތީގައި އެންމެ އަގު ބޮޑު ރައުސްމާލަކީ ރާއްޖޭގެ މިނިވަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވަނީ އެ މިނިވަންކަމާއި ސިޔާދަތުގެ އައްޑަނައަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހިތްވަރުގަދަ ސިފައިންކަމުގައި ސިފަކުރައްވާފައެވެ.

ދުނިޔެއަށް ކުރިމަތިވަމުންދާ ޓެރަރިޒަމްގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖެއަށް ވެސް އެ ނުރައްކާ އޮތްކަން ހާމަކުރައްވާ އެމަނިކުފާނު ވަނީ އެފަދަ ކަންކަމަށް ސަމާލުވާންޖެހޭ މިންވަރު ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ. ސަބަބަކީ ޒަމާނީ ޓެކްނޮލޮޖީ އާއި މުވާޞަލާތީ ލުއިފަސޭހަތަކާއެކު، ޓެރަރިޒަމްގެ އުކުޅުތައް ވެސް އެއްދުވަހުން އަނެއްދުވަހަށް ބަދަލުވަމުން އަންނާތީ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެފަދަ ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ، ހިތްވަރުގަދަ ސިފައިންކަމަށާއި، އެކަމަށްޓަކައި، ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާކަމުގައެވެ. އަދި، އެމީހެއްގެ ކެރުމާއި ޤާބިލުކަން ހުރި މިންވަރަކުން ޢަސްކަރިއްޔާގެ ކޮންމެ މީހަކަށް ވެސް މިހާރު ކުރިއަށް ދެވޭނެކަމަށާއި އެކަމުގައި އަންހެނެއް ފިރިހެނެއް ތަފާތުނުކޮށް ހަމަހަމަ ފުރުޞަތު ފަހިކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ ޢަސްކަރީ ވާޖިބުތަކުގެ އިތުރުން މަދަނީ އެތައް ޚިދުމަތްތަކެއް ވެސް ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ، ބައެއްކަން ހާމަކުރައްވަމުން ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދިން އިޚްލާޞްތެރި ޚިދުމަތުގެ އަގުވަޒަންކޮށް، "އިންސާނީ ޚިދުމަތުގެ މެޑެލި-ކޮވިޑް19" ދިވެހި ސިފައިންނަށް ދިނުމަށް ނިންމާފައިވާކަން އިޢުލާންކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވޮގޮތުގައި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ފާއިތުވި ދެއަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ޒަމާނީ ވަސީލަތްތައް ހޯދައި، ޓެރަރިޒަމްގެ ހާދިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އެތައް ގުނައެއް މިހާރު ވަނީ އިތުރުކުރެވިފައެވެ.

މީގެ އިތުރުން ވެސް ޤައުމުގެ ދިފާޢުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް ހޯދިފައިވާކަމަށާއި، ހަމައެހެންމެ، ސިފައިންގެ ސިފަވަންތަކަން ދަމަހައްޓައިދޭ ޢިލްމީ އަދި ފަންނީ ތަމްރީނުތައް ދަނީ ސިފައިންނަށް ބަރާބަރަށް ދެމުންކަން އެމަނިފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިންތީ ހަމަހަމަކަމުގައި ވެސް ދިވެހި ޢަސްކަރިއްޔާ މިއަދު ފެންނަނީ، ނަމޫނާ މުއައްސަސާއެއްގެ ގޮތުގައިކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއާ ޚިލާފަށް މިއަދުގެ އަންހެން ސިފައިންނަކީ، އެންމެ ފަހުގެ ޢަސްކަރީ ތަމްރީންތައް ހޯދައިގެން، ޤައުމުގެ ދިފާޢުގައި އެންމެ ކުރީ ސަފަށް ނުކުންނަށް ތައްޔާރަށް ތިބި ބައެއްކަމުގައި ވިދާޅުވެފައެވެ.

ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ފުރަތަމަ ފަހަރަށް، މިދިޔަ އަހަރުވަނީ އަންހެން ސިފައިން ހަމަޖައްސާފައި ކަމަށާއި، އެ ރޭންކުގައި ތިއްބެވި ދެ އަންހެން ސިފައިން މިހާރު ގެންދަވަނީ، ސިފައިންގެ ލަފާ ދޭ މަޖިލީހުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާ ކުރައްވަމުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރަޙައްދީ ޞުލްހަޔާއި ހަމަޖެހުން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިކަމުގައި ދިވެހި ޢަސްކަރިއްޔާއިން އަދާކުރަމުން އަންނަ ދައުރު ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް