މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުގައި ތުއްތުކުދިން ގަޔަށް ޖެހިކަމަށް ބުނެ ދައުރުވަނީ ދޮގު ޚަބަރެއްކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން (އައިޖީއެމްއެޗް) ބުނެފިއެވެ.
އައިޖީއެމްއެޗުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެފަދަ މައްސަލައެއް ވިލިމާލޭ ހޮސްޕިޓަލުގައި ދިމާވެފައިވަނީ މި އަހަރުގެ މެއި މަހު ކަމަށެވެ. އަދި އެ މައްސަލަ އެ ހޮސްޕިޓަލުގެ ސަމާލުކަމަށް އައުމާއި އެކު އެއީ ހިނގާފައިވާ ކަމެއްކަން ބަޔާންކޮށް އެ ހޮސްޕިޓަލުން ނޫސް ބަޔާނެއް ވެސް ނެރެފައިވާނެ ކަމަށެވެ.
އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ.) އިން އޭރު ތަޙުޤީޤުކޮށް މި މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރެ ނުވާނެކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ މައްސަލައާއި ގުޅުން ހުރި ތުއްތުކުދިންގެ ބެލެނިވެރިންނަށް މައުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންއަންނަ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
އެ ހޮސްޕިޓަލުން ބުނީ ވިލިމާލެ ހޮސްޕިޓަލުން ދެވަނަ ފަހަރަށް މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ތުއްތުކުދިން ގަޔަށް ޖެހިކަމަށް ދޭހަވާ މޭރުމަކުން ދައުރުވަމުންދާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް