ބޯހިމަނަން ފަށައިފި، މައުލޫމާތު ހޯދަން ފަރާތަކީ އޮފިޝަލެއްކަން ޔަގީން ކުރަން ފަސޭހަ ގޮތެއް!

ރާއްޖޭގައި ބޯހިމަނަން ފަށައިފި އެވެ. ބޯހިމެނުން 2022، އަށް އަހަރަށް ފަހު މިއަހަރު ކުރިޔަށް ގެންދަނީ މިއަދުން ފެށިގެން މިމަހުގެ 25 ގެ ނިޔަލަށެވެ. ބޯހިމެނުމުގެ ބޭނުމަކީ ރާއްޖޭގެ އާބާދީ އަށް އައިސްފައިވާ...

13 Sep 2022 | 14:28

ރާއްޖޭގައި ބޯހިމަނަން ފަށައިފި އެވެ.

ބޯހިމެނުން 2022، އަށް އަހަރަށް ފަހު މިއަހަރު ކުރިޔަށް ގެންދަނީ މިއަދުން ފެށިގެން މިމަހުގެ 25 ގެ ނިޔަލަށެވެ. ބޯހިމެނުމުގެ ބޭނުމަކީ ރާއްޖޭގެ އާބާދީ އަށް އައިސްފައިވާ ބަދަލުތަކާއި އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ދެނެގަތުމެވެ.

ބޯހިމެނުމުގެ މަސައްކަތް ކުރާ ޓީމުތައް ގޭގެ އަށާއި މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އާ ދެމެދުގަ އެވެ. ސްޓެޓިސްޓިކް ޑިޕާޓްމެންޓުން ވަނީ ބޯހިމަނަން ކަމަށް ބުނެ މައުލޫމާތު ހޯދަންދާ ކޮންމެ ކޮންމެ މީހަކާއި މުއާމަލާތް ނުކުރުމަށް އެދިފަ އެވެ.

އެ ބިއުރޯއިން ވަނީ އެ މަސައްކަތުގައި ހަރަކާތްތެރިވަ އޮފިޝަލުންކަން ޔަގީން ކުރުމަށް، ގެއަށް ދިއުމުން އަމަލު ކުރާނެ ފަސޭހަ ގޮތްތަކެއް ބުނެދީފަ އެވެ. އެގޮތުން އެ އޮފިޝަލެއްގެ ކާޑުގައި ޖަހާފައިވާ އައިޑީ ކާޑު ނަމްބަރު އެ އިދާރާގެ ވެކްސައިޓުގައި ޖެހުމުން ވަގުތުން ޔަގީން ކޮށްލެވޭނެ ކަމަށް ބުނެ އެވެ. އެ ލިންކަކީ https://census.stag.mpao.mv/

އެ އިދާރާއިން ވަނީ ތަޅުލާފައި ހުންނަ އިމާރާތްތަކަށް އެ ވަގުތުތަކުގައި ވަދެވޭނެ ގޮތް ހަދައި ދިނުމަށަށް އެދިފަ އެވެ. އަދި ގޭބިސީތަކާއި މަސައްކަތްކުރާ ތަންތަނުގެ އިސްވެރިންނާ ބައްދަލުވާނެ ގޮތް ހަމަޖައްސައިދިނުމަށް ސްޓެޓިސްޓިކްސް ބިއުރޯއިން އެދެ އެވެ.

ބޯހިމެނުމަށް ތެދު މައުލޫމާތު ދިނުމަކީ ތަފާސްހިސާބުގެ ގާނޫނުގައި އެންމެނަށް ލާޒިމްކުރާ ކަމެއް ކަމަށް ވެސް އެ އޮފީހުން ހަނދާންކޮށްދިނެވެ.

މި މަސައްކަތުގައި އެއްކުރާ މައުލޫމާތަކީ

ގޭބިސީއެއް ނަމަ: އުމުރު، ޖިންސް، ނިސްބަތްވާ ގައުމު، ހިޖުރަކުރުމާއި ބެހޭ މައުލޫމާތު، ނުކުޅެދުންތެރިކަން، އަދާ ކުރާ ވަޒީފާ، ތައުލީމީ ފެންވަރު، ކައިވެނީގެ މައުލޫމާތުގެ އިތުރުން ގޭބިސީ އާއި ބެހޭ މައުލޫމާއި ފާޓިލިޓީ އެވެ.

އިގްތިސޯދީ މަސައްކަތްތަކުގައި: ރެޖިސްޓްރޭޝަން އަދި އޯނާޝިޕާއި ބެހޭ މައުލޫމާތު، މުވައްޒަފުންގެ އަދަދު، އާމްދަނީ އަދި ހަރަދެވެ.

މި މައުލޫމާތު ތަކަކީ އެ މައުލޫމާތެއް ދީގެން އެއްވެސް ގެއްލުމެއް ވާނެ ކަމެއް ނޫން ކަމަށާއި މިއީ ހަމައެކަނި ރެކޯޑަށް އެއްކުރާ މައުލުމާތުކަން ހަނދާން ކުރަންޖެހެ އެވެ.

އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރުގެ ބޯހިމެނުމުގައި މައުލޫމާތު އެއްކުރުމަށް ކަރުދާހުގެ ބަދަލުގައި ބޭނުންކުރާނީ ޓެބްލެޓެވެ. އެ މަސައްކަތަށް ބޭނުންވާ 812 ޓެބްލެޓް ވަނީ ހޯދައިފަ އެވެ.

ބޯހިމެނުމުގެ މަސައްކަތުގައި 4،000 ވޮލަންޓިއަރުން ހަރަކާތްތެރިވާނެ އެވެ.

އަންނަ މަހު ހައެއްގައި ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް، ދާއިމީ ނަތީޖާ 20 ގައި އިއުލާނުކުރަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް