މަޑަވެއްޔާއި ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފި

ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނާއި މަޑަވެލި...

13 Sep 2022 | 14:16

ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނާއި މަޑަވެލި ކައުންސިލުގެ ރައީސް ފިޔާޒު ހަސަން އަދި ހޯދެއްދޫ ކައުންސިލުގެ ރައީސް ހުސައިން ވާރިޝް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެ ކުންފުނީގެ އިސްވެރިންނާއި ޢާންމުން ވަނީ ބައިވެރިވެފައެވެ.

ކޯޒުވޭގެ ދަށުން އޮޔެ ދެމޭނެހެން އަދި ކޯޒްވޭމަތިން ހެވީ ވެހިކަލަށް ވެސް ދަތުރުކުރެވޭ ފެންވަރަށް މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުމަށް އަޅާ މި ކޯޒުވޭގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެމްޓީސީސީން ބުނީ މިހާރުޕްލޭން ކުރެވިފައިވާ މުއްދަތުގައި މި ކޯޒުވޭގެ މަސައްކަތްނިމި، ރައްޔިތުންނަށް ޚިދުމަތް ލިބެންފަށާއިރު، މިހާރުތަޖުރިބާކުރާ ރަށް ގިރުމުގެ މައްސަލަ ވެސް ހައްލުވާނެ ކަމަށެވެ. އަދި މި ކޯޒުވޭ ގުޅާލެވެނީ މަޑަވެއްޔާއި ހޯޑެއްދޫ އާދޭތެރޭ އޮންނަ "ކަންނިގިލާ" އާއި "ހާދޫ" އާވެސް އެކުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ދެ ރަށަކީ އިގްތިސާދީ މަސައްކަތްތައް ކުރެވެން އޮތް ދެރަށަށް ވާތީ، މި ކޯޒުވޭ ވެގެންދާނީ މަޑަވެއްޔާއި ހޯޑެއްދުއަށް ވެސް ދިރުން ގެނުވާނެ ތަނެއް ކަމަށާއި މި ޒަމާނީ ކޯޒުވޭގެ ސަބަބުން ފަތުރުވެރިކަމަށް ވެސް އައު ދިރުމެއް ލިބި، އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން 260 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒުވޭގެ 2،544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުން ހިމެނެއެވެ. އަދި 285 ސްޕަން ޕައިލް ހަރުކުރުމާއި 4،596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރު އެޅުން ވެސް ހިމެނެއެވެ.

މީގެ އިތުރުން 1،378 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވިންގ ހެދުމާއި ކޯޒުވޭއަށް ދެވެންއޮންނަ މަގުތަކުގެ 3،144 އކަމީޓަރު ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި ތާރުއެޅުން ވެސް ހިމެނެއެވެ.

އެމްޓީސީސީން ބުނި މި މަޝްރޫޢުގައި ރެއިލިންގ އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.

މިއީ 84.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް