އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް ވަޑައިގެންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.
ރަނީ އެލިޒަބަތު އަވަހާރަވީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެކަމަނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ19 ވާ ހޯމަ ދުވަހު އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ރާނީގެ ޖަނާޒާއަށް ރައީސް ވަޑައިގެންނަވާކަން "ދުވަސް" އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އެކަމަކު ދަތުރުފުޅުގައި ފުރާވަޑައިގެންނަވާނެ ތާރީހެއް މިއުވާން ވިދާޅެއް ނުވެ އެވެ.
ރާނީގެ ޖަނާޒާގައި ބައެއް ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިނގިރޭސި ޝާހީ ގަނޑުވަރުން ބުނެފައިވެ އެވެ. ބޭރު ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެ ބޭފުޅުންނާ އެކު ވަފުދުތައް ބައިވެރި ނުކުރުމަށް އިނގިރޭސި ޝާހީ އާއިލާއިން ވަނީ އެދިފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، ޖަނާޒާގެ ކަންތައް ކުރިއަށް ދާ ސަރަހައްދުތަކުގެ ޖާގައިގެ ދަތިކަމެވެ.
އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި ރާނީގެ ޖަނާޒާގައި ގައުމުތަކުގެ ފަރާތުން ބައިވެރިކުރުމަށް ފުރުސަތު ދޭނީ، އެ ގައުމެއްގެ އެންމެ އިސް ވެރިޔަކަށާއި އެ ބޭފުޅެއްގެ އަނބި/ފިރިންނަށެވެ. އެ ފެންވަރުގެ ބޭފުޅަކު ވަޑައިނުގަންނަވާ ނަމަ، އެ ގައުމަކުން ފޮނުވާ މަންދޫބަށް އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް