ބޯހިމެނުމުގެ މަސައްކަތަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދޭން ރައީސް އެދިވަޑައިގެންފި

ބޯހިމެނުމުގެ މަސައްކަތަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފެށި ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފ...

13 Sep 2022 | 07:12

ބޯހިމެނުމުގެ މަސައްކަތަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފެށި ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދަރުބާރު ގޭގައި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެވެ. ރައީސް ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު އެފަށްޓަވަނީ ބުރަ އަދި މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެބޭފުޅުން މިއަދު ފަށްޓަވާ މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވޭ މަސައްކަތެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ އިޖުތިމާޢީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެކަންތައްތައް ޙައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ބޯހިމެނުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދާތަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަޑައިގެން އެމަނިކުފާނު ވަނީ ވަކިވަކީން އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ބޯހިމެނުން 2022 ގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) ގެފަރާތުންނެވެ. މި އަހަރުގެ ބޯހިމެނުމުގެ ލިސްޓިންގގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު މަހުގެ 13 އިން 14 ގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ ތަފްޞީލް މަޢުލޫމާތު ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު 17 އިން 25 ގެ ނިޔަލަށެވެ.

މިފަހަރުގެ ބޯހިމެނުމުގެ ޢަމަލީ މަސައްކަތުގައި 4،000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް