އިނގިރޭސި އާ ރަސްގެފާނު، މުސްލިމުން އަދި އިސްލާމް ދީނާއި މެދު ދެކޭގޮތް!

އިނގިރޭސިވިލާތުގެ ޒަމާންވީ ރަސްކަމަކީ ދުނިޔޭގައި އެންމެ މަޝްހޫރު އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން އެ ޝާހީ އާއިލާއަކަށް ލިބޭ އާއިލާ އެވެ. އެކިގޮތް ގޮތުން ޝާހީ އާއިލާގެ ހަރަކާތްތަކާއި ނިންމުންތަކަށް...

13 Sep 2022 | 06:42

އިނގިރޭސިވިލާތުގެ ޒަމާންވީ ރަސްކަމަކީ ދުނިޔޭގައި އެންމެ މަޝްހޫރު އަދި އެންމެ ގިނަ ބައެއްގެ ސަމާލުކަން އެ ޝާހީ އާއިލާއަކަށް ލިބޭ އާއިލާ އެވެ.

އެކިގޮތް ގޮތުން ޝާހީ އާއިލާގެ ހަރަކާތްތަކާއި ނިންމުންތަކަށް ސަމާލުކަންދޭ އެތައް މިލިއަން ބަޔަކު ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި އިރު 70 އަހަރު ރަނިކަން ކުރި ފަހުން މިދިޔަ ބުރާސްފަތި ދުވަހު ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމުން އިތުރަށް މީހުންގެ ސަމާލުކަން އެ އާއިލާއަށް ވަނީ ހުއްޓިފަ އެވެ. މިހާރު އެންމެ ގިނަ ބައެއް، ހާއްސަކޮށް މުސްލިމުން އެނގެން ބޭނުންވަނީ އާ ރަސްގެފާނު ޗާލްސް ތިނެއް މުސްލިމުންނާއި މެދު ދެކޭ ގޮތެވެ.

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ރަސްކަމަށް އައުމު ކުރިން ވަލީއަހުދުގެ ހައިސިއްޔަތުން ރަސްގެފާނު ޗާލްސް މުސްލިމް ގައުމުތަކަށް ކުރައްވާފައިވާ ދަތުރުފުޅުތަކާއި ދައްކަވާފައިވާ ވާހަކަތަކުން އިސްލާމްދީނަކީ އެމަނިކުފާނު އިހުތިރާމް ކުރައްވާ ގަބޫލު ކުރައްވާ އުސޫލުތަކެއް ހިފަހައްޓާ ދީނެކެވެ. އޭގެ އެތައް ހާދިސާތަކެއް އެބަހުއްޓެވެ.

ލިޔުންތެރިޔާ ރޮބޯޓް ޖޮބްސަން ލިޔެފައިވާ ފޮތެއް ކަމަށްވާ "ޗާލްސް އެޓް ސެވެންޓީ" ގައި ބުނެފައިވާ ގޮތުގައި ރަސްގެފާނަކީ ކީރިތި ޤުރުއާން ކިޔައި އެފޮތުގައިވާ ކަންކަން އިލްމީ އަލީގައި ދެނެގަންނަން މަސައްކަތް ކޮށްފައިވާ މީހެކެވެ. އަދި ތަފާތު ކަންކަމުގައި އިސްލާމީ ގައުމުތަކުގެ ލީޑަރުންނަށް ސޮއިކޮށް ސިޓީ ފޮނުއްވާފައިވާ ކަމަށް ބުނެފައިވެ އެވެ.

ރަސްގެފާނު ޗާލްސް އަކީ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރި ކުރުމަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 2010 ވަނަ އަހަރު އޮކްސްފޯޑް ސެންޓާ ފޯ އިސްލާމިކް ސްޓަޑީސްގައި ވާހަކަފުޅު ދައްކަވަމުން ޗާލްސް ވިދާޅުވީ ޤުރުއާނުގެ އަލީގައި ސާބިތުވާ ކަމަކީ ވަށައިގެންވާ މާހައުލުގައި ކަންކަން ކުރުމުގައި ހައްދެއް އޮންނަންވާނެ ކަމެވެ.

ރަސްގެފާނު ވިދާޅުވީ ޤުރުއާނުގައި މުސްލިމުންނަށް އަންގާފައިވަނީ އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅައި ނުދިއުމަށް ކަމަށެވެ.

2006 ވަނަ އަހަރު މިސްރަށް ކުރެއްވި ދަތުރުފުޅެއްގައި އަލްއަޒުހަރު ޔުނިވާސިޓީއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ 2005 ވަނަ އަހަރު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ޑެންމާކު މީހަކު ކާޓޫ ކުރެހި މައްސަލައިގަ ވާހަކަ ދައްކަވާފަ އެވެ. އެ ދުވަހު ވިދާޅުވީ ކޮންމެ މީހަކުވެސް އަނެކާ އަޅުކަން ކުރާ ދީނަށް އިހުތިރާމު ކުރަން ޖެހޭނެ ކަމަށާއި އެއް ބަޔަކު އަނެއް ބަޔަކަށް ދީނުގެ މައްސަލަތަކުގައި ފުރައްސާރަ ކުރުން ބަލައި ނުގަންނަވާ ކަމަށެވެ.

މިފަދަ އަމަލުތަކަކީ ބައެއްގެ އަޑު އަހާށާއި އިހުތިރާމުކުރަން ބޭނުން ނުވެ އެމީހުންގެ އަޑާއި މެދު ބިރު ގަންނަ މީހުން ކުރާ އަމަލުތައް ކަމަށް ވިދާޅުވި އެވެ. ޑެންމާކުގެ އެމީހާގެ އަމަލާއި ގުޅިގެން އެ ދުވަސްވަރު މުސްލިމުންގެ ނަފުރަތު އެގައުމަށް އަމާޒުވެ ހުޅަނގުގެ ގައުމުތަކުގައި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް އޮތް ގޮތާއިމެދު ވަރަށް ބޮޑަށް ބަހުސް ކުރެވުނެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު އިނގިރޭސިވިލާތުގެގިނަ އަދަދެއްގެ މުސްލިމުންނަށް ރޯދަ ވީއްލުން ދިނުމަކީ ޝާހީ އާއިލާއިން ކުރާ ކަމެކެވެ. އޭގެ ތެރެއިން އެއް އަހަރެއްގެ ހަފްލާގައި ރަސްގެފާނު ޗާލްސް ވިދާޅުވީ މުސްލިމުންނާއި ރޯދަމާއި ހުރި ގާތް ގުޅުން ހުރިހާ އެންމެންވެސް ބަލަން ޖެހޭ ކަމަށެވެ.

އަދި ވިދާޅުވީ ރޯދަމަހަކީ ޝުކުރު އަދާކޮށް އެއްމެން އެއްބައި ކުރުވައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުން ނަމާދު ކުރުމުން ހަމަޖެހުން ގެނުވައިދޭ މަހެއް ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޗާލްސް ވަލީއަހުދު ކަމުގައި ހުންނަވައިގެން މުސްލިމުންނާއި ހުޅަނގުގެ ގައުމުތަކުގައި އޮންނަ ގުޅުން ރަނގަޅު ކުރަން ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. 1993 ވަނަ އަހަރު ޗާލްސް ވިދާޅުވީ ހުޅަނގު ގައުމުތަކާއި މުސްލިމުންނަށް އެއްގަލަށް ނޭރުމުގައި ސަބަބުތަކެއް އެބަހުރި ކަަމަށެވެ.

އެކަންކަން ރަނގަޅު ކުރުމަށް ހުޅަނގު ގައުމުތަކުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ މުސްލިމުންނާއި މެދު ދެކޭގޮތް ބަދަލު ކުރުން ކަަމަށާއި ސަގާފަތާއި ދިރިއުޅުގެ އާދަކާދައިގަ ހުރި ތަފާތުތައް ނައްތާލަން ޖެހޭ ކަމަށެވެ. ހަމަ އެގޮތަށް ހައްދު ފަހަނައަޅާ ދިއުމަކީ ހަމަ އެކަނި މުސްލިމުންގެ ތެރޭގައި އޮތް ކަމަކަށް ނުވާތީ އެހެން ދީންތަކާއި އޭނާ ތަބާވާ ކްރިސްޓިއަން ދީނުގެ މީހުންވެސް ހައްދުފަހަނަ އަޅައި ދިޔުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމުން އިނގިރޭސިވިލާތުގެ މުސްލިމުންނާއި އެގައުމުގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އާ ރަސްގެފާނާއި މެދު މުސްލިމުންގެ މެދުގައި ހިތްހަމަ ނުޖެހުމެއް ނެތެވެ. އެމީހުން ބުނީ އެހެން ހުޅަނގު ގައުމުތަކެކޭ އެއްގޮތަށް އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއި ވެރިކަމުގައި ތިބޭ ބަޔަކު މަސައްކަތް ކުރިޔަސް އެހެން ދީންތަކުގެ މީހުން މުސްލިމުންނާއި މެދު ދެކޭގޮތް އެ ގައުމުގައިވެސް ތަފާތު ކަމަށެވެ.

އެކަމަކު ހުޅަނގުގެ ގައުމުތަކުގެ ތެރެއިން މުސްލިމުންނަށް އުޅެން އެންމެ ފަސޭހަ ގައުމަކީ އިނގިރޭސިވިލާތް ކަމަށް ބުނެފައިވެ އެވެ. އެގޮތުން އާންމު ޕާކެއްގައި މުސައްލަ ފަތުރާލައިގެން ނަމާދު ކޮށްލުމަކީ އިނގިރޭސިވިލާތުގައިި ޖެހިލުންވާން ޖެހޭ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް