ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ދިވެހި ސަރުކާރުން ކުރާގޮތަށް މެންޓަލް ހެލްތް ދާއިރާއިން މީހުން ބިނާ ކުރުމުގެ46 ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ފަދައިން ާ 46 ސްކޮލަރޝިޕް ފުރުސަތަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތަށް ހަމަޖައްސާފައިވަނީ އެ ދާއިރާތަކަކީ ތަމްރީންވެފައިވާ މީހުން ރާއްޖެއަށް އަވަހަށް ލިބުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ދާއިރާ ތަކެއް ކަމަށް ފާހަގަކުރެވިފައިވާތީ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
މި ސްކޮލަރޝިޕްތަކުގެ ތެރެއިން ކޮންމެ ސްކޮލަރޝިފެއް ވެސް ވަނީ އެ ސްކޮލަރޝިޕެއް ފުރިހަމަ ކުރާ ދަރިވަރު ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ޚިދުމަތްކުރުމަށް އެ މުއައްސަސާއަކަށް އެލޮކޭޓްކޮށްފަ އެވެ.
އެހެންކަމުން، އެ ސްކޮލަރޝިޕެއް ފުރިހަމަކުރާ ދަރިވަރަކު އެ ސްކޮލަރޝިޕެއް އެލޮކޭޓްކޮށްފައިވާ މުއައްސަސާއިން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑް ކުރެވޭނެ އެވެ.
އެއީ، މާލެއާއި އަތޮޅުތަކުގައި ޚިދުމަތްކުރުމަށް މި ސްކޮލަރޝިޕްތަކުގެ އެހީގައި މީހުން ތަމްރީންކުރުމުގެ ބޭނުމުގަ އެވެ.
ކޯސްތަކުގައި ބައިވެރިވާން އެދޭ ދަރިވަރުންގެ ކިބައިގާ ކޮންމެހެން ފުރިހަމަވާން ޖެހޭ ޝަރުތުތަކަކީ:
- ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލުކޮށްފައިވުން ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު (އެމް.އެން.ކިޔު.އެފް)ގައި ވާގޮތުން، މާސްޓާރސް ފެންވަރުގެ ކޯހެއްގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަވުން.
- އެ ދަރިވަރަކު ކޯސް ފުރިހަމަ ކުރުމަށް އެދޭ ޔުނިވަރސިޓީ ފަރާތުން ކަނޑައަޅާ ކްރައިޓީރިއާ ފުރިހަމަވުން.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ ކޯހެއްގައި ބައިވެރިވާން އެދުން.
ކޮންމެ މުއައްސަސާއަކަށް ކޮންމެ ދާއިރާއަކުން ކަނޑައަޅާފައިވާ ސްކޮލަރޝިޕްތަކަށް އެދޭ ދަރިވަރުންގެ ތެރެއިން އެ ކަނޑައެޅިފައިވާ އަދަދަށް ދަރިވަރުން ނޮމިނޭޓްކުރާނީ އެ ދަރިވަރުން އިސްވެ ބަޔާންކޮށްފައިވާ 1 ޝަރުޠު ފުރިހަމަ ކުރުމަށް ބޭނުންކުރި ސަނަދުތަކަށް، މި ސްކޮލަރޝިޕްތައް އިޢުލާނު ކުރި، އިޢުލާނުގައިވާ ގޮތުގެމަތީން ޕޮއިންޓް ދީގެން، ސްކޮލަރޝިޕްގެ އަދަދަށް ދަރިވަރުން ނޮމިނޭޓް ކުރެވެންދެން، އެންމެ މަތިން ޕޮއިންޓް ލިބޭ ދަރިވަރުން ނޮމިނޭޓްކުރަމުންދާ އުސޫލުން ނެވެ.
މި ސްކޮލަރޝިޕްތަކާ ގުޅޭ އިތުރު މަޢުލޫމާތު www.mohe.gov.mv އިންނާއި އެ މިނިސްޓްރީގެ 3026950 ނަންބަރު ފޯނުން ސާފުކުރެވޭނެ އެވެ.
މި ކޯސްތަަކަށް އެދުމުގެ ސުންގަޑިއަކީ އޮކްޓޯބަރ 4 ވަނަ ދުވަހުގެ މެންދުރު 13:30 އެވެ.
https://twitter.com/MoHEmv/status/1437435371629912065
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް