ރާއްޖޭގެ ދަރިވަރުންނަށް ހަންގޭރީ އިން ސްކޮލަރޝިޕްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތް އެގައުމުން ފަށައިފި

ތަޢުލީމީ ދާއިރާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ސްކޮލަރޝިޕް ފުރުޞަތުތަކެއް ރާއްޖޭގެ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ހަންގޭރީގެ ސަރުކާރުން މިހާރުކުރަމުން އަންނަކަަމަށް ހަން...

13 Sep 2021 | 16:28

ތަޢުލީމީ ދާއިރާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ސްކޮލަރޝިޕް ފުރުޞަތުތަކެއް ރާއްޖޭގެ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ހަންގޭރީގެ ސަރުކާރުން މިހާރުކުރަމުން އަންނަކަަމަށް ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ އަންޑުރޭޒް ލެސްޒްލޯ ކިރަލީ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު، ހަންގޭރީގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއާއި ހަންގޭރީއާ ދެމެދުގައިވާ ގުޅުން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ހަންގޭރީގެ ސަރުކާރުން ދެއްވެވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފަ އެވެ.

ހަންގޭރީއާއެކު ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ސޯލިހު ފާހަގަކުރައްވާފައިވާ އިރު، ހަންގޭރީގެ ސަފީރު ވަނީ ތަޢުލީމީ ދާއިރާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ސްކޮލަރޝިޕް ފުރުޞަތުތަކެއް ރާއްޖޭގެ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ހަންގޭރީގެ ސަރުކާރުން ކުރައްވަމުންދާކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި ވިޔަފާރިއާއި ޢިޤްތިޞާދުގެ ދާއިރާއިންނާއި މަސްވެރިކަމާއި، ޞިއްޙީ ދާއިރާގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން އިތުރަށް ގުޅުން ބަދަހިކުރެެއްވުމަަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި ހިނގަމުންދާ މަތީފަންތީގެ ވާހަކަފުޅުތަަކާއި، ކޮންސިއުލަރ ޚިދުމަތް ދިނުމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެެއްވުމަަށް ބޭނުންފުޅުވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ހަންގޭރީގެ ސަފީރު ވަނީ ރާއްޖެއަށް އިތުރަށް ކާބޯތަކެތި ލިބޭނެގޮތް ކަށަވަރުކުރުމާއި ފަތުރުވެރިކަން އަދި ފެން މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފަ އެވެ.

ސަފީރުގެ ވާހަަކަފުޅުގައި ދެޤައުމަށް ފައިދާކުރަނިވި ދާއިރާތަކުން ރާއްޖޭގައި ވިޔަފާރީގެ ގުޅުން ޤާއިމުކުރުމުގެ މައްޗަށް ވެސް ވަނީ ބައްލަވާލައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދުގައި މިފަހުން ބޭއްވުނު އިސްވެރިންގެ ބައްދަލުވުމަށް އަލިއަޅުއްވާލެއްވި އެވެ. އަދި، މި ބައްދަލުކުރެއްވުމުގެ ސަބަބުން ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންނާ ދެމެދުގައިވާ ގުޅުން ކުރިޔަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމުގައި ވަނީ ވިދާޅުވެފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ ދެ ޤައުމުން ވެސް ވަަރަށް އިސްކަން ދޭކަމެއްކަން ފާހަގަކުރައްވައި ބައިނަލްއަޤްވާމީ މައިދާނުގައި މިކަމަށް ދެޤައުމުން ވެސް ގުޅިގެން އަޑުއުފުލުމުގައި މަސައްކަތްކުރައްވާނެކަމުގައި ދެ ބޭފުޅުން ވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ބައްދަލުވުމަށް ތައްޔާރުވުމުގައި ހަންގޭރީއާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ވަނީ ރާއްޖެއާއި ހަންގޭރީއާ ދެމެދުގައިވާ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް