ރާއްޖެއާއި މޮރިޝަސްގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް މޮރިޝަސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން ރެޒިޑެންޓް ސަފީރު ހަރ އެކްސެލެންސީ ސާންތީ ބާއީ ހަނޫމާންޖީ ވިދާޅުވެއްޖެ އެެވެ.
އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެކަމަނާ ވަނީ މޮރިޝަސްގެ ބޮޑުވަޒީރާއި ރައީސްގެ ހެޔޮއެދުންތައް ރާއްޖޭގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވާކަމުގައި ވިދާޅުވެފަ އެވެ. އަދި މޮރިޝަސް އިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުކަން ލިބިވަޑައިގަތުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ފަޚުރެއް ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ވެސް ވިދާޅުވި އެވެ.
ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރައީސް ސޯލިހު ވަނީ އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، އެކަމަނާގެ ސަފީރުކަމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާއާއި މޮރިޝަސްގެ ސަފީރު ވަނީ ދެޤައުމުގެ ވެސް ކޮވިިޑްގެ ޙާލަތު ކޮންޓްރޯލްކުރުމަށް ދެޤައުމުގެ ސަރުކާރުން ނަގާފައިވާ ފިޔަވަޅުތަކާއި، ވެކްސިން ދިނުމުގެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ.
ދެޤައުމަކީވެސް ކުދި ޖަޒީރާ ދެޤައުމަށް ވުމާއެކު ރައީސުލްޖުމްހޫރިއްޔާއާއި، މޮރިޝަސްގެ ސަފީރު ވަނީ ދެޤައުމުން ޝައުޤުވެރިވާ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
މިގޮތުން ދެބޭފުޅުން ވަނީ ވިޔަފާރިއާއި ޢިޤްތިޞާދީ ދާއިރާއިންނާއި، އިމްޕޯޓް އެކްސްޕޯޓް އިތުރުކުރުމާއި ގުޅޭގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންނާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުންދެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް