ޝުމްބާ ހައްޔަރުކޮށްގެން ރާއްޖެ ގެނައި މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަަހުމަދު އަޝްރަފް (ޝުމްބާ) ސްރިލަންކާގައި ހުއްޓަ ހައްޔަރުކޮށްގެން ރާއްޖެ ގެނައި މައްސަލަ އޭނާގެ ފަރާތުން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފި އެވެ. ޝުމްބާ ހައްޔަރުކޮ...

13 Sep 2021 | 14:51

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަަހުމަދު އަޝްރަފް (ޝުމްބާ) ސްރިލަންކާގައި ހުއްޓަ ހައްޔަރުކޮށްގެން ރާއްޖެ ގެނައި މައްސަލަ އޭނާގެ ފަރާތުން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފި އެވެ.

ޝުމްބާ ހައްޔަރުކޮށްގެން ރާއްޖެ ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި2015 ވަނަ އަހަރުގެ ނޮވެމްބަރު އެކެއްގައި އެވެ. ފިނިފެންމާ ލޯންޗުގައި ގޮއްވާލި މައްސަލަ ޖެހުމާއި އެކު ޝުމްބާ ހޯދަން އިއުލާނު ކުރީ އޭނާ އާިއ އެރުގެ ނައިބު ރައީސް އަހުމަދު އަދީބާއި އޮތް ގާތް ގުޅުމެއްގެ ސަބަބުން ކަމަށްވެ އެވެ.

މި މައްސަލައިގަ ޝުމްބާގެ ގާނޫނީ ވަކީލަކީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނެވެ. މުހުސިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަޝްރަފް ރާއްޖެއިން ބޭރުގައި ހުއްޓާ ގާނޫނާއި ޚިލާފަށް ހައްޔަރުކޮށް، ރާއްޖެގެނެސް ބަންދުގައި ބަހައްޓައިގެން ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލަ ބަލައިދިނުމަށް އެދި އޭނާގެ ފަރާތުން މިއަދު އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝުމްބާގެ ފަރާާތުން އިންތިގާލީ އިންސާފުގެ އޮފީހަށް މިއަދު ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށެވެ. އޭގެ އިތުރުން، އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު އަރީފާއި އޭރުގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ނަވާޒުގެ އިތުރުން ލަންކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޒާހިޔާ ޒަރީރާއި އެމްބަސީގެ މުވައްޒަފުންތަކެއްގެ މައްޗަށް ވެސް ޖިނާއީ ތަހުގީގު ހިންގަން އެދިފައިވެ އެވެ.

ދައުލަތުގެ ފަރާތުން އޭނާގެ ކިބައިން މައާފަށް އެދެން ވެސް އެ މައްސަލައިގައި އެދިފައިވެ އެވެ.

ލަންކާއިން ހައްޔަރުކޮށްގެން ގެނައި ދުވަހުން ފެށިގެން ޔާމީންގެ ވެރިކަން ބަދަލުވުމާއި ހަމައަށް ޝުމްބާ ހުރީ ޖަލު ބަންދުގައި އެވެ. ވެރިކަން ބަދަލުވުމުން އޭނާ ގޭބަންދަށް ބަދަލު ކުރިފަހުން ވަނީ މިނިވަން ވެފަ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވަނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް