ޕައިލަޓުން އިސް މި ކުރީ އަމިއްލަ މަސްލަހަތު ނޫންބާ !

ޕައިލެޓުންނަކީ ގައުމީ ހިދުމަތެއް ކޮށްދޭ ބައެކެވެ. ހާއްސަގޮތެއްގައި ކޮވިޑުގެ އެންމެ ނުރައްކާތެރި ހާލަތުގައިވެސް އެ މަންޒަރު ފެނިގެންދިޔައެވެ. އޭރުވެސް މިހާރުވެސް ހާލުދެރަ ބަލި މީހަކު ރަށަކުން މާލެ ގެން...

13 Sep 2021 | 11:15

ޕައިލެޓުންނަކީ ގައުމީ ހިދުމަތެއް ކޮށްދޭ ބައެކެވެ. ހާއްސަގޮތެއްގައި ކޮވިޑުގެ އެންމެ ނުރައްކާތެރި ހާލަތުގައިވެސް އެ މަންޒަރު ފެނިގެންދިޔައެވެ. އޭރުވެސް މިހާރުވެސް ހާލުދެރަ ބަލި މީހަކު ރަށަކުން މާލެ ގެންދަން ޖެހިއްޖެ ނަމަ އެކަން އެންމެ ގިނައިން ކުރާ އެއް ބަޔަކަށްވާނީ މޯލްޑިވިއަންގެ ޕައިލެޓުުންނެވެ.

ފްލައިޓްގެ ދަތުރުފަތުރުން ރާއްޖެ އެކުގައި ގުޅިލާމެހިފައިވާއިރު އެތެރޭގެ ދަތުުރުފަތުރުގެ ބޮޑު ހިއްސާއެއް އޮތީ މޯލްޑިވިއަންގައެވެ.   ކޮންމެ ދުވަހަކު ޒަރޫރީ ބޭނުންތަކަށް އެތައް ބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުން އަންނައިރު މިއަދު މި އަޑުއިވެނީ މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ އިއާދަނުކޮށްފިނަމަ އިހުތިޖާޖު ކުރާނެ ކަމުގެ ވާހަކައެވެ. ދަތުރުތައް ހުއްޓާލާފައިވިޔަސް މުސާރަ ބޮޑުވުމުން ނޫނީ ވަޒީފާއަށް ނުނިކުންނާނެ ކަމުގެ ވާހަކައެވެ.

ޕައިލެޓުންގެ މި އިންޒާރާއެކު މުސާރަ އިއާދަ ކުރާނެކަމަށް ކަމަށް މޯލްޑިވިއަން އިން މިހާރު އެއްބަސްވެފައިވީނަމަވެސް ޕައިލެޓުންގެ މުސާރަ ބޮޑުކުރަން މިއީ އެންމެ ރަނގަޅު ވަގުތުތޯ ސުވާލު އުފެދެއެވެ. މިކަމާ ފުންކޮށް ވިސްނާލަން ޖެހެއެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން މުޅި ދުނިޔެއަށްވެސް މިވަނީ އިގްތިސާދީ ގޮތުން ހީނަރުކަން އައިސްފައެވެ. ރާއްޖެއަށްެވެސް އިގްތިސާދީ ގޮންޖެހުންތަކާއި ވަރަށް ބޮޑަށް މިވަނީ ކުރިމަތިލާން ޖެހިފައެވެ.  ދައުލަތަށާއި ސަރުކާރުގެ ކުންފުނިތަކަށްވެސް މިވަނީ މާލީ ގެއްލުމާއި ކުރިމަތިލާންޖެހިފައެވެ. އޭގެ ތެރޭގައި މޯލްޑިވިއަންވެސް ހިމެނެއެވެ. ކޮވިޑުގެ ހާލަތުގައި ދުނިޔޭގެ ބައެއް ބޮޑެތި އެއާލައިންތައް ބަނގުރޫޓުވެ ހުއްޓާލަން ޖެހުނު މަންޒަރު ފެނުނު ނަމަވެސް ޒީރޯ ރެވެނިއުގައި ދަތުރުތަކެއް ނުކޮށް ފައިދާއެއް ނުލިބި ދިޔައިރުވެސް މޯލްޑިވިއަން އިން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައެއް ނުވެއެވެ.

ޕައިލެޓުންނަށް މިހާރުވެސް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހެއްގެ މައްޗަށް 50 ހާހާއި 80 ހާހާއި ދެމެދުގެ އަދަދެއް ގެއަށް ގެންދަން ލިބޭއިރު ކޮވިޑުގެ މި ހާލަތުގައި ވަކި ބަޔަކަށް މުސާރަ ބޮޑު ކުރުން މިއީ އިންސާފަށް ވެދާނެހެއްޔެވެ.

މޯލްޑިވިއަންގައި ޕައިލެޓުންނަށް މުސާރަ ބޮޑުކޮށްފިނަމަ އެހެން ޑިޕާޓްމަންޓުތަކުގެ މުވައްޒަފުންނަށްެވސް މުސާރަ ބޮޑުވާން ނުޖެހޭ ސަބަބެއް ނެތެވެ. ކޮވިޑުގެ ހާލަތުގައި ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރި ނަރުހުންނަށްވެސް މުސާރަ ބޮޑުވާން ޖެހެއެވެ. މުސާރަ އަށް ބަދަލެއް އަންނާނެ ކަމުގެ އުންމީދުގައި އެތައް އަހަރެއް އިންތިޒާރު ކުރަމުން އަންނަ ޓީޗަރުންނަށްެވެސް މުސާރަ ބޮޑުވާން ޖެހެއެވެ. މިހާރުވެސް ބޮޑު އަދަދަކުން މުސާރަ ލިބެމުން އަންނަ ޕައިލެޓުންނަށްވެސް، ޓީޗަރުންނާއި ނަރުހުންނަށް މުސާރަ ބޮޑުވުން މާ އައުލާކަން ބޮޑު ނޫންހެއްޔެވެ. !؟

ކޮންމެއަކަސް މުސާރަ ބޮޑު ނުކުރާތީ އިހްތިޖާޖުކޮށް ދަތުރުފަތުރު ހުއްޓައިލާން ޖެހިއްޖެނަމަ މިކަމަކީ ގައުމަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެ ކަމެކެވެ. ބަލި މީހުންނާއި ޒަރޫރީ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ދާ ފަރާތްތަކަށް އެ މަގު ބަންދުވެގެންދާނެއެވެ. ބައެއްގެ ފުރާނަވެސް ގެއްލޭހާ ނުރައްކާވެދާނެއެވެ.

އެއްވެސް ހާލެއްގައި ޕައިލެޓުންގެ މުސާރަ ބޮޑު ކުރުން އެއީ ގޯސްކަމެއް ކަމަށް ދެކެނީކީ ނޫނެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ދަނޑިވަޅުތޯ، އެންމެ ރަނގަޅު ހާލަތްތޯ ވިސްނައިލަން ޖެހެއެވެ.

މި ހާލަތުގައި މުސާރަ ބޮޑު ކުރަން ޑިމާންޑްކުރާއިރު ހުރިހާ ގޮތަކުންވެސް ވިސްނައިލަން ޖެހެއެވެ. އަމިއްލަ އެދުން އެކަނި އިސްކުރުމަށްވެސް ގައުމުގެ ހާލަތާއި އެހެން ފަރާތްތަކުގެ ހައްގުތަކާއިމެދުވެސް ވިސްނާލަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް