ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވި މައްސަލައިގަ އިތުރުބައެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.
އެ މައްސަލައިގަ މިހާތަނަށް ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އަދި އެމީހުންގެ ޝަރީއަތްތައް މިހާރު ވަނީ ކްރިމިނަލް ކޯޓުގައި ފަށާފަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އިތުރު ތިން މީހަކަށް މިއަދު ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އެ ތިން މީހުންނަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު އެކަކާއި ދެކޮޅަށް ވަނީ އިތުރު ދެ ދައުވާއެއް އިފުލާފައި އެވެ.
މިއަދު ދައުވާ އުފުލި މީހުންގެ ތެރެއިން ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީ އާއި ދެކޮޅަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ.
މަލޭ މ. ކުދެހިގެ، އިސްހާގާއި ދެކޮޅަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާގެ އިތުރުން ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް