ކުޑަކުދިންގެ ރައްކާތެރިކަމާއި ސަލާމަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ނައިބު ރައީސް އެދިވަޑައިގެންފި

ކުޑަކުދިންގެ ރައްކާތެރިކަމާ ސަލާމަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ. މާލެ އަތޮޅު ކާށިދޫ ކައުންސިލަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ...

13 Sep 2021 | 10:00

ކުޑަކުދިންގެ ރައްކާތެރިކަމާ ސަލާމަތަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

މާލެ އަތޮޅު ކާށިދޫ ކައުންސިލަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އެކުދިންނަށް ދެވޭ ފޯނު ފަދަ އާލާތްތައް ރަނގަޅަށް މޮނިޓަރކުރުމަށް ބާރުއަޅުއްވާފަ އެވެ.

މި ބައްދަލު ކުރެއްވުމުގައި ކާށިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރުކުރިއަށްދާ މަސައްކަތްތަކާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފަ އެވެ.

އެގޮތުން ރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުމާއި ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާކަމުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ރަށުގައި އިތުރު ބަނދަރެއް ތަރައްޤީކުރުމަށް ބޭނުންވާ ކަމަށާއި ރަށުގައި ވަޒީފާގެ ފުރުޞަތު ފަހިކޮށް ރަށުގެ އިޤްތިޞާދު ތަނަވަސްކުރުމަށް ޓުއަރިޒަމް ސިނާއަތް ފުޅާކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ އެކަމުގައި ސަރުކާރުން އެހީތެރިވެދިނުމަށް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަރިހުގައި ދަންނަވާފަ އެވެ.

ހަމަ އެއާއެކު ރަށުގެ ޞިއްޙީމަރުކަޒަށް އެމްބިއުލާންސެއް ބޭނުންވާ ކަމަށާއި ރަށުގެ ސްކޫލަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަމާއި، ވަޞީލަތްތައް މަދުކަން ވެސް ކައުންސިލުން ވަނީ ޙިއްޞާކުރައްވާފަ އެވެ. އަދި ރަށުގެ ޒުވާނުން މަސްވެރިކަމުގެ ސިނާޢަތަށް ޝައުޤުވެރިވާކަން ފާޅުކުރައްވާކަން ފާހަގަކުރައްވާ ރަށާ މާދުރުނޫން ހިސާބެއްގައި ކަނދުފައްޗެއް ބާއްވައިދިނުމަށް ކައުންސިލުން ވަނީ އެމަނިކުފާނު އަރިހުގައި ދަންނަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކާށިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމަށާއި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި އެކަމާއި ގުޅޭ އިދާރާތަކާއި އިތުރަށް ވާހަކަދެއްކެވުމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން މުޖުތަމަޢުގެ ނޭދެވޭ ކަންކަން ހުއްޓުވުމަށް ކައުންސިލުގެ ފަރާތުން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

އެގޮތުން ރަށުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް އެމަނިކުފާނު ބާރުއަޅުއްވާ، އަންނަން އޮތް ޖީލު ހަރުދަނާ ގޮތެއްގައި ބިނާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި ކުދިންނަކީ ހުނަރުވެރި ކުދިންނަށް ހެދުމަށް އެކި ޕްރޮގްރާމުތައް ހިންގުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފަ އެވެ. އަދި އޭގެ ސަބަބުން ހަމަޖެހޭ މުޖުމަތަމަޢެއް އުފެދިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް