ޕަބްލިކް ޓްރާންސްޕޯޓުގައި ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ދިނުމަށް ބީއެމްއެލް އާއި އެމްޓީސީސީ އެއްބަސް ވެއްޖެ އެވެ.
އިންޓަރގްރޭޓެޑް ޓްރާންސްޕޯޓް މެނޭޖްމަންޓެއް ގާއިމްކޮށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތްތަކުން އޮޓޮމެޓިކްކޮށް ފީ ނެގޭނެ ސިސްޓަމެއް ގާއިމް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަރކާޑާއި އެމް.ޓީ.ސީ.ސީ އާއެކު އެމް.އޯ.ޔޫ އެއްގައި ސޮއި ކޮށްފައިވަނީ މިއަދު އެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ކަސްޓަމަރުން ބޭނުންވާފަދަ އީޖާދީ މަސައްކަތްތަކަށް އިންވެސްޓް ކުރުމަކީ އެ ބޭންކުގެ ވިޔަފާރީގެ މުހިންމު ބައެއް ކަމަށެވެ.
" މާސްޓަރކާޑާއި އެމް.ޓީ.ސީ.ސީ އާ ގުޅިގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ޕްރޮޖެކްޓް މެދުވެރިކޮށް އަޅުގަނޑުމެންގެ ޑިޖިޓަލް ކާޑު އަދި މޯބައިލް ޕޭމަންޓް ސޮލިއުޝަން ޕަބްލިކް ޓްރާންސްޕޯޓް ސިނާއަތާ ގުޅާލެވިގެންދާނެ." ޓިމް ސޯޔަރ ވިދާޅުވި އެވެ.
މާސްޓަރކާޑުގެ ކަންޓްރީ މެނޭޖަރ، ސްރީލަންކާ އެންޑް މޯލްޑިވްސް، ރާޖޭޝް މަނީ ވިދާޅުވީ ދިވެހި ސަރުކާރާއެކު އަލުން ޕްރޮޖެކްޓެއްގައި ބައިވެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި މިފަހަރު މި ތައާރަފް ކުރެވެނީ އޯޕަން ލޫޕް މާސްޓަރކާޑު ޓްރާންސިޓް ސޮލިއުޝަންޝް ސިސްޓަމް ކަމަށެވެ.
" މީގެ ސަބަބުން ޚިދުމަތްދޭ ފަރާތަަށް ޚަރަދުތައް ކުޑަކުރެވޭނެ. އަދި ހަމައެހެންމެ ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ހޯދައިދެވޭނެ. މި ޕްރޮގްރާމް މެދުވެރިކޮށް މާސްޓަރކާޑުން ދުނިޔޭގެ 150 ސިޓީއެއްގައި ދަތުރުވެރިންގެ ކޮންމެ ދުވަހެއްގެ ދަތުރުތަކަށް މިދަނީ ލުއިފަސޭހަކަށް ފޯރުކޮށްދެމުން. އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަށް ލިބިފައިވާ މިފަދަ ގިނަގުނަ ތަޖުރިބާ އާއެކު ދިވެހި ސަރުކާރާ ގުޅިގެން ރާއްޖޭގައި ޑިޖިޓަލްކޮށް ޚިދުމަތް ދިނުމުގެ ސްރެޓަޖީގެ ލަނޑުދަނޑި ހާސިލްކުރުމަށް ހިއްސާވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ފަޚްރެއް." ރާޖޭސް މަނީ ވިދާޅުވި އެެވެ.
މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށް ބީއެމްއެލް އާއި މާސްޓަރކާޑާއެކު މި އެއްބަސްމުގައި ބައިވެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި ފާއިތުވެދިޔަ އަހަރު ފެނިގެން ގޮސްފައިވަނީ އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓްގެ ޚިދުމަތް އިހުނަށް ވުރެ މުހިންމުކަން ބޮޑު އަހަރެއްގެ ގޮތުގައި ކަމަށެވެ.
" މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރައްކާތެރި ފަސޭހަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. މި ޚިދުމަތުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެ." އާދަމް އާޒިމް ވިދާޅުވި އެވެ.
މިއީ ދުނިޔޭގެ ތަރައްގީވެފައިވާ ސިޓީތަކުގައި ދަތުރު ކުރުމުގެ ނިޒާމަށް ފަސޭހަ ބަދަލުތަކެއް ހޯދައިދިނުމަށް މާސްޓަރކާޑުން ހިންގާ 'ސްމާޓް ސިޓީސް' ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެެވެ.
މި ޕްރޮޖެކްޓްގެ ދަށުން ބަސް އަދި ފެރީ ނެޓްވޯކްގައި ކޮންޓެކްޓްލެސް އަދި ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ތައާރަފް ކުރެވި ދަތުރުވެރިންނަށް ދަތުރު ކުރުމުގައި ފަސޭހަތައް ހޯދައިދެވި، ޚިދުމަތްދޭ ފަރާތްތަކަށް ޚަރަދު ކުޑަކޮށް ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 73 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 134 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންނާއި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް